ވިޔަފާރި

ރާއްޖޭގެ އިގްތިސާދު އިއާދަވާ ދުވެލި ރަނގަޅު: ވޯލްޑް ބޭންކު


ފަތުރުވެރިކަން ކުރިއަރައި، މިފަހުން ކުރިމަތިލާން ޖެހުނު ކޯވިޑް-19ގެ އިތުރު ރާޅުތަކުން އަރައިގަތުމަށް ވަކިވަކި ދާއިރާތަކަށް އަމާޒުކޮށްގެން އެޅި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިޞާދު އަނބުރާ އިއާދަވަމުންދާކަމަށް ވޯލްޑް ބޭންކުން ހާމަކޮށްފިއެވެ.

ވޯލްޑް ބޭންކުން މިކަން ހާމަކޮށްފައިވަނީ އެބޭންކުން އަހަރަކު ދެ ފަހަރު ނެރޭ ސަރަހައްދީ އިޤްތިސާދީ އަޕްޑޭޓް ރިޕޯޓުގައެވެ.

ވޯލްޑް ބެންކުގެ ރިޕޯޓުގައިވާގޮތުން އިގްތިސާދު އަނބުރާ އިއާދަވުން ނާޒުކު ފައްތަރެއްގައި ހުރިއިރު އަދި އެއްވަރެއްގައި ހިފެހެއްޓިފައި ނުވާއިރު، އެހެން ގިނަ ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގެ އިގްތިސާދުވެސް ކޯވިޑްގެ ބަލިމަޑުކަމުގެ ކުރިން އޮތް މިންވަރަށް ވާސިލްވުމަށް ދިގު ދަތުރެއް ކުރަންޖެހޭ ކަމަށެވެ.

'ޝިފްޓިން ގިއާޒް: ޑިޖިޓައިޒޭޝަން އެންޑް ސާވިސަސް-ލެޑް ޑިވެލޮޕްމަންޓް'ގެ ނަން ދީފައިވާ ދެކުނު އޭޝިއާގެ އިގްތިސާދީ ރިޕޯޓުގައިވާ ގޮތުން، މި ހިނގާ 2021 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު 22.3 އިންސައްތައިގައި އަދި އަންނަ 2022 ވަނަ އަހަރު 11 އިންސައްތައިގައި ކުރިއަރާނެކަމަށް ލަފާކުރެވެއެވެ.

މި ލަފާކުރުން ބިނާކޮށްފައިވަނީ، އެންމެ މަދުވެގެން 1.1 މިލިއަން ފަތުރުވެރިން މިއަހަރު ރާއްޖެއަށް އަންނާނެ ކަމަށް ލަފާކޮށެވެ. މި އަދަދަކީ މިދިޔަ އަހަރު އައި ފަތުރުވެރިންގެ ޖުމްލަ އަދަދަށް ވުރެ ދެ ގުނަ އިތުރު އަދި 2019 ވަނަ އަހަރު ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 65 އިންސައްތައާ އެއްވަރުގެ އަދަދެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން ދަތުރުކުރުން އާންމު ހާލަތަކަށް ރުޖޫއަވަމުން އަންނަ ވަރަކަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް އެއްވަރެއްގައި ކުރިއަރައި، ކޯވިޑުގެ ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރަށް ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 2023 ގައި އިއާދަވާނެކަމަށް ވޯލްޑް ބޭންކުން ލަފާކުރެއެވެ.

ރާއްޖޭގެ ފަގީރުންގެ ނިސްބަތް މި ހިނގާ 2021 ވަނަ އަހަރު 9.1 އިންސައްތައަށް ދަށަށް ގޮސް، އަންނަ އަހަރު އެ ނިސްބަތް 4.3 އިންސައްތައަށް ވެއްޓޭނެކަމަށްވެސް ވޯލްޑް ބޭންކުގެ ރިޕޯޓުގައިވެއެވެ.

މި ރިޕޯޓުގެ ހޯދުންތަކާއި ގުޅޭގޮތުން ވޯލްޑް ބޭންކުން ރާއްޖެ އާއި ސްރީލަންކާ އަދި ނޭޕާލްއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވި ރާއްޖެ އޮތީ ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ކާރިޡާއިން އަރައިގަތުމުގެ މަގުމަތީގައިކަމަށެވެ. ނަމަވެސް، މީގެ ކުރިން ކުރިމަތި ނުވާ ވަރުގެ މި ބޮޑު އިގްތިސާދީ ކާރިޡާއިން އަރައިގަންނައިރު ކުރިއަށްވުރެ ރަނގަޅަށް އަދި ކާރިޡާތަކަށް ކުރިއަށް ވުރެ ބޮޑަށް ތައްޔާރުވެފައިވާކަން ކަށަވަރުކުރުމަށްޓަކައި މާލިއްޔަތު ބެލެހެއްޓުން ހަރުދަނާކުރުމުގެ ތެރެއިން ދަރަނީގެ ގޮންޖެހުންތައް ކުޑަކުރުމަށާއި އިގްތިސާދު ފުޅާކުރުމަށާއި އަދި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް އިސްކަންދޭން ޖެހޭ އޭނާ ވިދާޅުވިއެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުގައިވާގޮތުން ބްރޯޑްބޭންޑް އަދި މޮބައިލް އިންޓަނެޓުގެ ހިދުމަތް ފުޅާވެފައިވާ މިންވަރުގެ ސަބަބުން ޑިޖިޓަލް ރާއްޖެއަކަށް ބަދަލުވަމުން އައި ބަދަލުވުމުގެ ދުވެލި ވަނީ ކޯވިޑްގެ ކާރިޡާގެ ތެރޭގައި ބާރުވެފައެވެ.

ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 63 އިންސައްތަ މީހުން އިންޓަނެޓްގެ ހިދުމަތް ބޭނުންކުރާކަމަށް 2019ގެ ތަފާސް ހިސާބުތަކުން ދައްކާއިރު، މިއީ ރާއްޖެ ނިސްބަތްވާ ދެކުނު އޭޝިއާ އަދި މި ސަރަހައްދުން ބޭރުންވެސް ރާއްޖެ ފަދަ ގައުމުތަކަށް ވުރެ މަތީ އަދަދެކެވެ.

ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ ބޭނުން އެންމެ އެކަށޭނަ ގޮތުގައި ހިފުމަށްޓަކައި އެފަދަ ޓެކްނޮލޮޖީތައް ބޭނުންކުރުމުގައި މިހާރު ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސިޔާސަތު ބައްޓަންކުރުމުގައާއި ގާނޫނީ ގޮތުން ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދަންޖެހޭކަމަށްވެސް ވޯލްޑް ބޭންކުން ހާމަކުރެއެވެ.