ކުޅިވަރު

ބަަންގްލަދޭޝްއަށް ކާމިޔާބު ހޯދައިދޭން ބޭނުން - އޮސްކާ


މިރޭ މެޗަށް ނިކުންނާނީ ކުރިން ރާއްޖޭގައި މަސައްކަތް ކުރިކަން ހަދާން ނައްތާލައިގެންކަމަށް، ރާއްޖޭގެ ނިއު ރޭޑިއަންޓަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ކޯޗް އަދި މިހާރު ބަންގްލަދޭޝް ގައުމީ ޓީމްގެ ކޯޗް އޮސްކާ ބުރޫޒޮން ބުނެފިއެވެ. އޮސްކާ ވަނީ ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ކޯޗްކޮށްދިން އަހަރެއްހާ ދުވަހުގެ ތެރޭގައި އެޓީމަށް 4 ތަށި ހޯދައިދީފައެވެ. އޮސްކާ ނިއު ދޫކޮށްލީ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްއިން ރަނގަޅު ފުރުސަތެއް ލިބުމުންނެވެ. ނިމިގެންދިޔަ އޭއެފްސީ ކަޕްގައިވެސް އޮސްކާ ވަނީ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްއާއި އެކު މާލެ އައިސް ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިރޭ ރާއްޖެ އާއި ބަންގްލަދޭޝް ވާދަކުރާ މެޗަކީ ވަރަށް ގިނަ ގޮތް ގޮތުން މުހިންމު މެޗެކެވެ. ރާއްޖޭގެ މަސައްކަތް ކުރި އޮސްކާ، ރާއްޖޭގެ ކުޅުންތެރިންނާއި ދެކޮޅަށް ނިކުންނައިރު، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެއަށް މިމެޗުން ތިން ޕޮއިންޓް ވަރަށް މުހިންމުވެއެވެ. މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ބަންގްލަދޭޝްގެ ކޯޗް އޮސްކާބުނީ މިއީ ވަރަށް އޭނާއަށް ވަރަށް ހާއްސަ މެޗެއްކަމަށާއި ނަމަވެސް މިވަގުތު މަސައްކަތް ކުރާނީ ބަންގްލަދޭޝްގެ ކޯޗެއްގެ ހައިސިއްޔަތުން، ބަންގްލަދޭޝްއަށް ކާމިޔާބު ހޯދައިދޭންކަމަށެވެ. އޮސްކާބުނީ އެފްއޭއެމްގެ ބައެއް އިސްވެރިންނާއި މިހާރު ގައުމީ ޓީމުގެ ކޯޗް ސުޒޭންގެ އިތުރުން ގައުމީ ޓީމުގެ ބައެއް ކުޅުންތެރިންނަކީ އޭނާއާއި ވަރަށް ގާތް ކުޅުންތެރިންތަކެއްކަމަށާއި އަބަދުވެސް މިކުޅުންތެރިންނާއި ވަރަށް ގާތް ގުޅުމެއް އޮންނަކަމަށެވެ.

"މި 90 މިނިޓަށް އަހަރެން ހަނދާން ނައްތާލަން ޖެހޭ މި ހުރިހާ ކަމެއް. މި ފަހަރު އަހަރެމެން އެބަޖެހޭ ފައިޓްކުރަން. ރަހުމަތްތެރިންނާ ފައިޓްކޮށްގެން މޮޅުވާން އެބަޖެހޭ. އަހަރެމެންނަކީ ޕްރޮފެޝަނަލުން. އެހެންވީމަ ޝައްކެއް ވެސް ނެތް އަހަރެންގެ ތަޖުރިބާގެ ބޭނުންކޮށްގެން މޮޅުވާން މަސައްކަތް ކުރާނީ. ވަރަށް ބައިވަރު އެއްގޮތް ކަންތައްތަކެއް އެެބަހުރި މާޒިޔާ އާއި ގައުމީ ޓީމާ. އަހަރެން ވަރަށް ގަޔާވޭ އެ ކަހަލަ އެޓޭކިން ފުޓްބޯޅަ ކުޅޭ ވިސްނުމުގެ ޓީމުތަކާ، އަހަންނަށް ރާއްޖެ ކަމުދާ އެއް ސަބަބު ރާއްޖޭގެ ފުޓްބޯޅަ ފިލޯސަފީ މި އޮންނަނީ އެޓޭކިން ފުޓްބޯޅަ ކުޅެން. އެކަމަކު އަބަދު ވެސް ސުވާލަކީ ޑިފެންސް،" އޮސްކާ ބުންޏެވެ.

ބަންގްލަދޭޝަކީ ވަރަށް ބޮޑަށް އަބަދުވެސް ޑިފެންސްކުރާނެ ޓީމެއް ކަމަށް އޮސްކާ ވަނީ ބުނެފައެވެ. އަދި ރާއްޖެ އަށް އަދި ޕޮއިންޓެއް ނުލިބި އޮތްއިރު، ބަންގްލަދޭޝް މި އޮތީ ހަތަރު ޕޮއިންޓް ހޯދާފައި ކަމަށާއި މިއީ ވެސް ހަމަނޭވައެއް ލައިގެން މެޗަށް ނުކުންނަން ބަންގްލަދޭޝަށް ލިބޭ ފަސޭހައެއް ކަމަށް އޮސްކާ ބުނެފައިވެއެވެ. މިމެޗަށް ނިކުންނައިރު ރާއްޖެވަނީ ނޭޕާލާއި ވާދަކޮށް 1 ލަނޑު 0 ލަނޑު ބަލިވެފައެވެ. އަދި ބަންގްލަދޭޝް މިމުބާރާތުގައި މިހާތަނަށް ދެ މެޗް ކުޅެފައިވާއިރު، ލަންކާ އާއި ވާދަކޮށް 1 ލަނޑު 0 ލަނޑު މޮޅުވެފައެވެ. އަދި އިންޑިޔާއާއި ވާދަކުރި މެޗުވަނީ 1 ލަނޑު 1 ލަނޑުން އެއްވަރުވެފައެވެ. ރާއްޖެ އާއި ބަންގްލަދޭޝް މެޗް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9 ޖަހާއިރުއެވެ.