ސިޔާސީ

ޝަރަފުވެރިކަމުގެ އިނާމު 4 ބޭފުޅަކަށް، ހިތްވަރު ދިނުމުގެ އިނާމު 14 ބޭފުޅަކަށް


ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 4 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 14 ބޭފުޅަކަށް ދެއްވައިފިއެވެ.

މި އިނާމުތައް ދެއްވީ، 1443 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައާއި ޝަރަފުގެ ބެޖެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލާއެކެވެ.

ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީއިންނެވެ. މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި 4 ބޭފުޅުންގެ ތެރެއިން 1 ބޭފުޅަކަށް މި އިނާމު އެރުވީ އެބޭފުޅާގެ ހަނދާނަށެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަކީ:

  • 1. ކީރިތި ޤްރުއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ޤްރުއާނުގެ ޢިލްމުގެ ދާއިރާއިން: އަލްމަރްޙޫމް އިބްރާހީމް ޙުސައިންފުޅު، މަންޒިލް، ބ. ތުޅާދޫގެ ހަނދާނަށް
  • 2. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: އަލްފާޟިލް ޙަސަން ލަބީބު، ކެމީ، ސ. ހިތަދޫ
  • 3. ޞިއްޙީ ދާއިރާއިން: ޑޮކްޓަރ ޙާމިދު ރަޝީދު، މއ. އެވޭލާގެ
  • 4. ކުޅިވަރުގެ ދާއިރާއިން: އަލްފާޟިލް މައްލާ ޅަތުއްތު، ހ. ސާވަން

މިރޭގެ ޖަލްސާގައި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 14 ބޭފުޅަކަށް ވަނީ އަރުވާފައެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މިއަހަރު 11 ބޭފުޅަކަށް ދެއްވާފައިވާއިރު، ކީރިތި ޤުރްއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި ފާސްވި ޙާފިޡުންނަށް ދެއްވާ ޚާއްޞަ މެޑެލް މިއަހަރު 11 ޙާފިޡުންވަނީ ހާސިލުކުރައްވާފައެވެ. މިބޭފުޅުން ހޮއްވެވީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޚާޢްޞަ އިނާމާބެހޭ ކޮމިޓީންނެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރައްވާފައިވަނީ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ 6 ބޭފުޅަކާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 4 ބޭފުޅަކާއި، އަދި ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން، އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކުރެއްވި ބޭފުޅެކެވެ.

ސަރުކާރުން ދެއްވަމުން ގެންދަވާ ޤައުމީ އިނާމަކީ، ދިވެހި ޤައުމާއި ދިވެހި މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ޤައުމުގެ ތަރައްޤީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ.

ޤައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރުދިނުމުގެ ޤައުމީ އިނާމެވެ.