ސިޔާސީ

ބައިބައިވުމާއި ނުރަނގަޅު ފިކުރުތަކަށް ޖާގަދީގެން ނުވާނެ: ރައީސް


މުޖުތަމަޢު ބައިބައިކުރާ ނުރަނގަޅު ފިކުރުތަކަށް ދިވެހި ފަސްގަނޑުން ޖާގައެއްނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރާއްޖޭގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާތަބުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަދު އެމަނިކުފާނުގެ އެންމެ އިސް ޤައުމީ ވާޖިބަކީ، ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ރައްކާތެރިކުރުންކަމަށާއި، ދިވެހި ޤައުމިއްޔަތުގެ އަސާސީ ބަހާތައް ނަގަހައްޓައި ދެމެހެއްޓުންކަމުގައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ޤައުމިއްޔަތުގެ އަސާސީ ބަހާތައް ތަފްޞީލުކޮށްދެއްވާފައެވެ. އެގޮތުން އެކަންތައްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކޮށް ރައްކާތެރިކުރުމާއި، ދިވެހިރާއްޖެއާއި ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ދިވެހިންގެ ހިތްތަކުގައިވާ އިސްލާމީ ޢަޤީދާ ހަރުދަނާ ކުރުމާއެކު، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާއި، ޑިމޮކްރަސީގެ ހަމަތައް ދިރުވައި އާލާކުރުން ހިމެނޭކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

"އަދުގެ ދުނިޔެ ދަންނަނީ ޞުލްޙަޔާއި މިނިވަންކަމުގެ ބަސްމަގު. އަދުގެ ދުނިޔެ ގޮވައިލަނީ، އެކުވެރިކަމާއެކު ލާމެހިގެން އުޅެން. އެކަހެރިވުމާއި ވަކިވަކިވެގެން އުޅުމަށް، މިއަދުގެ ވިސްނުން ތަނެއް ނުދޭ. އަޅުވެތިކުރުމާއި ގަދަބާރުން ކަންކަން ކުރުމަކީ އަދުގެ ބައިނަލްއަޤުވާމީ މުޖްތަމަޢާ ބީރައްޓެހި ކަންކަން. ބާރާއި ނުފޫޒަކީ، ޞުލްޙަޔާއި ހަމަޖެހުން ޤާއިމުކުރެވޭނެ ވަސީލަތެއް ނޫން. ދުނިޔޭގެ ހުރިހާ ދިމާއަކުން އަޅުގަނޑުމެންގެ ލޯތަކަށް ފެންނަމުން ހާމަވަމުން އެދަނީ މި ޙަޤީޤަތްތައް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީވެސް ދިގު ތާރީޚެއް އޮތް، މުއްސަނދި ސަގާފީ ތަރިކައަކާއި، ފަޚުރުވެރި ޤައުމިއްޔަތެއް އޮތް ޤައުމެއްކަން ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިންނަކީ ޞުލްޙަޔާއި ހަމަޖެހުމާއި މަޑުމައިތިރިކަމުގައި، މުއައްރިޚުން މިސާލުޖަހައި އުޅުނު ބައެއްކަމަށެވެ. އަދި ދިވެހިންނަކީ ހަމްދަރުދީއާއި އޯގާތެރިކަމާއި، ކުލުނާއި، ލޯބީގެ މަތީގައި ދިރިއުޅުން ބިނާކުރި ބައެއްކަމަށެވެ.

ނަމަވެސް މިއަދު މުޖުތަމަޢުގެ ތެރޭގައި ބައިބައިވުން އުފައްދާ، ނުރަނގަޅު ފިކުރުތައް ފަތުރަން ބަޔަކު ކެނޑިނޭޅި މަސައްކަތްކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ނުރަނގަޅު ފިކުރުތައް އަޅުގަނޑުމެންގެ ތެރެއަށް ފަތުރައި، އިޖްތިމާޢީ އަދަބު އަޚްލާޤުގެ ހަފޮޅުން ބޭރުކޮށް ދިވެހިން ބައިބައިކުރުމަށް ބަޔަކު ކެނޑިނޭޅި އެބަ މަސައްކަތްކުރޭ. މިފަދަ ފިކުރުތަކަށް ފާޅުގައި ނޫނެކޭބުނެ، އަޚުލާޤީ އެންމެ މަތީ މިންގަނޑުގައި ސާބިތުވެތިބޭ ބައެއްގެގޮތުގައި ދަރިން ތަރުބިއްޔަތުކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، އަޅުގަނޑުމެންގެ ޤައުމީ ވާޖިބަކަށް ހަދަންވީ، ދިވެހިރާއްޖެއަށާއި ދިވެހިވަންތަކަމަށް ލޯބިކުރާ ބައެއްގެ ގޮތުގައި ދަރިން މުޖްތަމަޢަށް ނެރުމަށްކަމަށެވެ. އަދި ދިވެހިވަންތަ ޝަޚުޞިއްޔަތެއްގެ ސިފަތައް، ކޮންމެ ދަރިއެއްގެ ކިބައިގައި ހަރުލައްވައިދިނުމަށްކަމަށެވެ.

ޤައުމުގެ ފޯދެމުން އަންނަ ޖީލުގެ ހިތްތަކުގައި ޤައުމިއްޔަތުގެ ރޫޙު އުފައްދައި، ޤައުމީ ލޯބި ދިރުވައި އާލާކުރުމުގެ ޢަޒުމް ކަނޑައެޅުމަކީ، މިފަދަ ޤައުމީ މުނާސަބާތަކުގައި އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދިވެހިންގެ ޤައުމިއްޔަތު ދިރުވައި އާލާކުރެވޭނީ، ޤައުމީ ސިފަތަކަށާއި ޤައުމިއްޔަތަށް ލޯބިކުރާ ޒުވާން ޖީލެއް އުފެދިގެންކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.