ޚަބަރު

އުނގޫފާރު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް މިއަހަރު ނިންމަނީ


ރާއްޖޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން ސަރުކާރުންވަނީ އުނގޫފާރުގެ 14 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްފަށާފައެވެ. މި މަސައްކަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށް އެ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެމްޓީސީސީން ވަނީ މި މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައެވެ.

ރ.އުނގޫފާރާކީ އެ އަތޮޅުގެ ގިނަ ރަށްތަކެއްގެ އިތުރަށް އެހެނިހެން އަތޮޅުގެ ރައްޔިތުންވެސް ސިއްޚީ ޚިދުމަތް ހޯދުމަށްޓަކައި ދަތުރުކުރާ ރަށެކެވެ. މިފަދަ ދަތުރުތަކުގައި އެރަށަށް ދާ މީހުންނާއި ޚާއްސަކޮށް ރައްޔިތުންނަށްވެސް ދަތިވާ ކަންތައްތަކުގެ ތެރޭގައި މަގުތައް ރަނގަޅު ފެންވަރަކަށް ހެދިފައި ނެތުން ފާހަގަކޮށްލެވެއެވެ. ވާރޭ ވެހިއްޖެނަމަ ފެންބޮޑުވެ، އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށްވެސް އެކި ތަކުލީފްތަކާ ކުރިމަތިލާންޖެހެއެވެ. ޚާއްސަކޮށް ފައިމަގުގައި އުޅޭ ފަރާތްތަކަށް ދަރިވަރުން ގޮވައިގެން ސްކޫލަށް ދާން ޖެހެނީ ފެންކޯރަށް އެރިގެންނެވެ. ނޫންނަމަ ތިބެންޖެހެނީ ކުދިން ސްކޫލަށް ނުގެންގޮހެވެ. މިމައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށްޓަކައި ސަރުކާރުން އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފެށީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

އާބާދީ ގޮތުން ކުޑަ ރަށްތައްވެސް ބާކީނުކޮށް ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގެ ސިޔާސަތުގެ ދަށުން އެރަށުގެ ގޯޅިތައް ހިމަނައިގެން ޖުމްލަ 14 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައި އޭބީސީ ފަށަލަ އެޅުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ސަބްގްރޭޑް މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެހެންނަމަވެސް މި ރަށު ރައްޔިތުންގެ އަދިވެސް ކަންބޮޑުވުންތައް އެބަހުއްޓެވެ. އެއީ އެރަށުގެ މުހިއްމު 5 މަގެއް އަދިވެސް ރަނގަޅު ފެންވަރަށް ތަރައްޤީ ނުކުރެވުމުގެ ކަންބޮޑުވުމެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ އެ ރަށުގެ މުހިއްމު 5 މަގެއް ރަނގަޅު ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުގައި ދަންނަވާފައިވާކަމަށެވެ. އެ މަގުތަކުގެ ތެރޭގައި ދަރިވަރުން ސްކޫލަށް ގެންދާ އިތުރު މަގުތަކާއި ބަނދަރު މަގު ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު ތަރައްޤީ ކުރަމުން އަންނަ މަގުތަކުގެ ސަބަބުން ރައްޔިތުންނަށް އެތައް ފައިދާތަކެއް ވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

" މަގުތަކުގައި ފެން ބޮޑުވެއްޖެނަމަ ދަރިވަރުން ސްކޫލަށް ގެންދިޔުމަށް ދަތިވޭ. ނަމަވެސް މިހާރު ސްކޫލަށް އާއްމުކޮށް ހިނގާ މަގުތަކުގައި މިހުރީ ތާރުއަޅާފަ. ދުއްވާ އެއްޗެތި ހަޑިވުމާއި މިކަންތައްތަކަށް ހައްލުލިބިގެންދާނެ މި މަގުތަކާއެކު."އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.


އުނގޫފާރު މަގުހެދުމުގެ މަސައްކަތުގެ ދަށުން މަގުތަކުގައި ފެންހެދޭ ވަގުތުތަކުގައި ފެން ހިންދުމަށް ޚާއްސަ ނިޒާމެއް ޤާއިމްކުރުމާ މަގުބައްތިތައް ހަރުކޮށް މަގުތަކުގައި ދުވެލިމަތަ ހަރުކުރުމާއި ޓްރެފިކް ނިޝާންތައް ކުރެހުމާއި ހަރުކުރުން ހިމެނެއެވެ. މި މަސައްކަތަށް 30 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދަޢުލަތުގެ ބަޖެޓުން ޚަރަދުކުރެއެވެ. އުނގޫފާރު މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު އަންނަނީ އެންމެ ފަހު މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުންނެވެ.