ޚަބަރު

ފްލޯޓިންގ ސިޓީއާއެކު މުޅި ދުނިޔޭގެ ސަމާލުކަން ރާއްޖެއަށް


ރާއްޖޭގައި ތަރައްޤީކުރާ ފްލޯޓިންގ ސިޓީގެ ސަބަބުން ރާއްޖެއަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބިގެންދާނެކަމަށާ، އޭގެ ހެޔޮ ބަދަލު ރާއްޖެއަށް އެކިދާއިރާތަކުން ކުރާނެކަމަށް ފްލޯޓިން ސިޓީގެ ލޯކަލް ކޮންސަލްޓެންޓް ވިދާޅުވެއްޖެއެވެ. މިއީ މުޅި ދުނިޔޭގައިވެސް ތަރައްޤީކުރާ މިފަދަ ފުރަތަމަ ސިޓީކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ފްލޯޓިންގ ސިޓީއަކީ ރާއްޖެއާއި ދުނިޔޭގެ ގިނަ ޤައުމުތަކަށްވެސް އާކޮންސެޕްޓެކެވެ. އެހެންނަމަވެސް މިއީ ދުނިޔޭގެ ބައެއް ޤައުމުތަކުގައި ކާމިޔާބުކަމާއެކު ތަޢާރަފްކުރަމުން އަންނަ ޓެކްނޮލޮޖީއެކެވެ. މިޓެކްނޮލިޖީއާއެކު ރާއްޖެއަށް މުޅި ދުނިޔޭގެ ސަމާލުކަންވެސް ލިބިގެންދާނެކަމަށް މިމަޝްރޫޢުގެ ލޯކަލް ކޮންސަލްޓަންޓް އިބްރާހިމް ރިޔާޒް ވިދާޅުވެއެވެ.

ރިޔާޒް ވިދާޅުވީ މިމަޝްރޫޢު ނެދަލޭންޑްސްގެ ޑަޗްޑޮކްލޭންޑްސްއާއެކު ޢިއުލާންކުރުމާއެކު ދުނިޔޭގެ މީޑިއާގެ ސަމާލުކަމަށް މިކަން އައިކަމަށެވެ. އަދި މިހާރުވެސް މިކަމާ ގުޅޭ މަޢުލޫމާތު އެދެމުން އަންނަކަމަށާއި މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް އަންނަ މަހު ފެށުމާއެކު ދުނިޔޭގެ ބޮޑެތި މީޑިއާތަކަށް މިކަމާ ގުޅޭގޮތުން މަޢުލޫމާތު ހާމަކުރުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މިއާއެކު މަޝްރޫޢު ނިމެންދެން ބޮޑު ސަމާލުކަމެއް ރާއްޖެއަށް ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ފަތުރުވެރިކަމަށާއި ވިޔަފާރިތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ރިޔާޒް ވިދާޅުވިއެވެ.

"އަސްލު މިމަޝްރޫޢު ފެށިގެން ދިޔުމާއެކު ރާއްޖެއަށް ބޮޑު އެކްސްޕޯޝަރއެއް އެލިބެނީ. މީގެ ފައިދާ އެކި ގޮތްގޮތަށް ރާއްޖެއަށް ކުރާނެ. މިހާރުވެސް ބޮޑެތި މީޑިއާތަކުން މިޕްރޮޖެކްޓްގެ މަޢުލޫމާތު ހޯދަން ގުޅަމުންދޭ." ރިޔާޒް ވިދާޅުވިއެވެ.

މުޅި އަލަށް ތަޢާރަފްކުރާ މިޓެކްނޮލޮޖީއާއެކު ފަށާ މިމަޝްރޫޢުގެ ސަބަބުން ވަޒީފާގެ އިތުރު ފުރުސަތުތައް ހުޅުވޭނެކަމަށް ރިޔާޒް ވިދާޅުވިއެވެ. އެގޮތުން މިކަމަށްޓަކައި އެކި ކަންކަމަށް ޚާއްސަ 200އެއްހައި އިންޖީނިއަރުން ހޯދަންޖެހޭކަން ފާހަގަކުރައްވައި ރިޔާޒް ވިދާޅުވީ މިމަޝްރޫޢުގައި މުޅިންވެސް ޙަރަކާތްތެރިވާނީ ދިވެހިންކަމަށެވެ.

"ނެދަރލޭންޑްސްގެ އިންޖިނިއަރުން އަންނާނެ. މިމަޝްރޫއަށް ޚާއްސަކޮށް ބޭނުންވާ ތަމްރީނު ދޭނެ. އަދި މިކަމުގައި މުޅިންވެސް އުޅޭނީ ދިވެހިން. ބޭރުން މެޓީރިއަލްސް ގެނައިނަމަވސް މި ޕްރޮޖެކްޓް ކުރިއަށްދާނީ ދިވެހި ކުންފުނިތަކާ ގުޅިގެން." ރިޔާޒް ވިދާޅުވިއެވެ.

އާރަށް ކައިރީ ތަރައްޤީކުރާ ފްލޯޓިން ސިޓީގެ މިމަޝްރޫޢު ނިމިގެންދާއިރު މިސަރަޙައްދަށް ރިސޯޓުތަކާއި ސިޓީ ހޮޓާތަކާއި ބޮޑެތި ފިހާރަތަކުގެ އިތުރުން ސިއްޙީ ޚިދުމަތާއި ސްކޫލްތައް އައުމާއެކު މިއީ އިތުރަށް އުފެދޭ ވަޒީފާތައްކަމަށް މަސައްކަތުގެ ލޯކަލް ކޮންސަލްޓަންޓް ފާހަގަކުރައްވައެވެ.

ލަގްޒަރީ ފެންވަރަށް ތަރައްޤީކުރާ ފްލޯޓިންގ ސިޓީ މަޝްރޫޢުއިން ރާއްޖެއަށް މި ޓެކްނޮލޮޖީ ތަޢާރަފްވެގެން އައުމާއެކު މިފަދަ އިތުރު މަޝްރޫޢުތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިންގުމަކީ އެކުންފުނިން ކުރަމުން އަންނަ އުއްމީދެކެވެ. އެގޮތުން ފަތުރުވެރިކަމަށް ޚާއްސަ ވިލާތަކެއްވެސް ތަރައްޤީކުރުމުގެ ވިސްނުން އެބަހުރިކަމަށް ޑަޗްޑޮކްލޭންޑްގެ ރާއްޖޭގެ ކޮންސަލްޓެންޓް ވިދާޅުވެއެވެ.