ޚަބަރު

އިތުރު 91 މީހުން ކޯވިޑަށް ޕޮޒިޓިވްވެ، 180އަށްވުރެ ގިނަ މީހުން ބަލިން ރަނގަޅުވެއްޖެ


ރާއްޖެއިން އިތުރު 91 މީހުން ކޯވިޑަށް ޕޮޒިޓިވްވެ، 180އަށްވުރެ ގިނަ މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ރާއްޖޭގައި ކޯވިޑަށް ފަރުވާ ހޯދާ މީހުންގެ އަދަދު މިހާރުވަނީ 1300އަށް ދަށްވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން 24 ގަޑިއިރުތެރޭގައި 91 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 30 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 53 މީހުންނެވެ. އަދި ރިސޯޓްތަކުން 7 މީހަކާއި ސަފާރީއަކުން ޕޮޒިޓިވްވި މީހަކުވެސް މީގެތެރޭގައި ހިމެނެއެވެ.

އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 85،198އަށް އަރާފައެވެ.

ކޯވިޑް-19އަށް މިވަގުތު ފަރުވާ ހޯދަމުންދާ 1379 މީހުންގެ ތެރެއިން ކޯވިޑް މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 15 މީހަކަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 189 މީހުން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 83،574އަށް އަރާފައެވެ. ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވަނީ 3،805 ސާމްޕަލް ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 232 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ.