ޚަބަރު

ހއ. އުތީމުގައި މިއުޒިކަލް ޑްރިލް ޑިސްޕްލޭއެއް ބާއްވައިފި


1437 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ
މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން މިއުޒިކަލް ޑްރިލް
ޑިސްޕްލޭއެއް ހއ. އުތީމުގައި ބާއްވައިފިއެވެ.



މި މިއުޒިކަލް ޑްރިލް ޑިސްޕްލޭ
ބާއްވާފައި ވަނީ އިއްޔެ ހަވީރު ހއ.އުތީމު ބަނދަރު ސަރަޙައްދުގައެވެ. މިޑިސްޕްލޭ
ބަލާލުމަށްޓަކައި ހއ.އުތީމުގައި ދިރިއުޅޭ ގިނައަދަދެއްގެ އާންމު ރައްޔިތުންނާއި
ޚާއްޞަކޮށް ކުޑަކުދިން ޖަމާވެ، ހޫނު ތަރުހީބެއް ދީފައިވާކަމަށް އެމްއެންޑީއެފުން
މައުލޫމާތުދެއްވައެވެ. އަދި މިއުޒިކަލް ޑްރިލް ޑިސްޕްލޭއަށްފަހު ޑިސްޕްލޭގައި
ބައިވެރިވި ސިފައިންނާއެކު ފޮޓޯ ނެގުމުގެ ފުރުޞަތު އެސަރަޙައްދަށް ޖަމާވެފައިވާ
އާންމުންނަށާއި ކުޑަކުދިންނަށް ހުޅުވާލިއެވެ. 



މިއުޒިކަލް
ޑްރިލް ޑިސްޕްލޭ އަކީ އަސްކަރީ ސިފަވަންތަކަމާއި ސަފުތަކުގެ ބަދަހިކަމާއި
އެއްބައެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މަތިވެރި ރޫޙު ވަރަށް ފުރިހަމައަށް
ދައްކުވައިދޭ ހެވިކަމެކެވެ. އަދި މެހެތަރުގެ އެއްވެސް ކޮމާންޑެއް ނެތި ވަކި
ސީކުއެންސަކަށް ސިފައިން އެއްބައެއްގެ ގޮތުގައި ހެވިކަމުގެ އެކިއެކި ހަރަކާތްތައް
ދައްކުވައިދޭ މަންޒަރުތައް ހިމެނޭ ކަމެކެވެ.



އެމްއެންޑީއެފުން
އަންނަނީ ތަފާތު އެކި މުނާސަބަތުގައި މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައް
ބާއްވަމުންނެވެ. މިހަރަކާތަށް އާންމުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.