ޚަބަރު

ސިންގަލް ޔޫސް ޕްލާސްޓިކް ރާއްޖެ އެތެރެކުރުން މަނާކުރުމަށް މަޖިލީހުން ފާސްކޮށްފި


ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ގޮތުގައި ފާހަގަކުރެވޭ ތަކެތި ރާއްޖެ އެތެރެކުރުން މަނާކުރުމަށް ސަރުކާރުން ހުށަހެޅި ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކޮށް ދެމެހެއްޓުމުގެ ޤާނޫނަށް، ސަރުކާރުން ހުށަހެޅި އިސްލާހު ފާސްވީ 49 މެމްބަރުންގެ ވޯޓުންނެވެ.

ޤާނޫނުގައި ކުރިން ބުނެފައިވާ ގޮތުން ސިންގަލް ޔޫސް ޕްލާސްޓިކް ރާއްޖެއަށް އެތެރެކުރުމަކީ މަނާކަމެއް ނޫނެވެ. ނަމަވެސް ޤާނޫނަށް މިހާރު ގެނެވުނު ބަދަލާއިއެކު ތިމާވެއްޓަށް ގެއްލުން ދޭ އެއްޗެހީގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް، ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެކެވެ.

ޤާނޫނުގެ ދަށުން ސިންގަލް-ޔޫސް ޕްލާސްޓިކްގެ ގޮތުގައި ކަނޑައަޅާ ބާވަތްތަކުގެ ލިސްޓު، އެކި މަރުޙަލާތަކަކަށް ބަހާލައިގެން ކަނޑައެޅުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ. އެހެންނަމަވެސް، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފުރަތަމަ ލިސްޓު، 1 ޖަނަވަރީ 2022 ގެ ކުރިން ކަނޑައަޅައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށް ވަނީ ބިލުގައި ހިމަނާފައެވެ.

"ސިންގަލް-ޔޫސް ޕްލާސްޓިކް"ކަމަށް ޤާނޫނުގައި ބުނެފައި އެވަނީ، އެ އެއްޗެއް އެކުގައި ނުވަތަ ކޮމިޓީން ހުށަހަޅާ ގޮތް ބައެއް ޕްލާސްޓިކުން ހަދާފައިވާ އެއްޗެހީގެ ތެރެއިން، އެ އެއްޗެއް އުފައްދާފައިވަނީ ނުވަތަ ވިއްކުމަށް ބާޒާރަށް ނެރެފައިވަނީ އެއް ފަހަރަށްވުރެ ގިނަ ފަހަރު އޭގެ ބޭނުންކުރެވޭ ގޮތަށް ކަމުގައިނުވާ، ނުވަތަ އޭގައި ހިމެނޭ އެއްޗެއްގެ ބޭނުން އެއް ފަހަރަށްވުރެ ގިނަ ފަހަރު އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ ކުރެވޭ ގޮތަށް އުފައްދާފައިވާ ނުވަތަ ވިއްކުމަށް ބާޒާރަށް ނެރެފައިވާ އެއްޗެހި ފިޔަވައި އެނޫން ކޮންމެ އެއްޗަކާއި އެފަދަ އެއްޗެއް އުފެއްދުމަށް ބޭނުންކުރާ ފޯމެޓީރިއަލް އަށެވެ.

މި ބިލުގެ މަޤްޞަދަކީ ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް، ދިވެހިރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުން ކަމަށްވާއިރު، އެ މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ސިންގަލް- ޔޫސް ޕްލާސްޓިކްގެ ތެރޭގައި އެފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ފޯމެޓީރިއަލްސްވެސް ހިމެނެންވާނެކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވެއެވެ.