ކުޅިވަރު

މެލޭޝިޔާ ކޭމްޕް ވާނީ ތަފާތު ތަޖުރިބާއަކަށް - ޤައުމީ ކޯޗް


ގައުމީ ފުޓްބޯޅަ ޓީމް މެލޭޝިޔާގައި ކުރާ ކޭންޕްވެގެންދާނީ ތަފާތު
ފުޓްބޯޅަ ތަޖުރިބާކޮށްލުމަށް ކުޅުންތެރިންނަށް ލިބިގެންދާނެ ވަރަށް ރަނގަޅު
ފުރުސަތެއްކަމަަށް ގައުމީ
ޓީމުގެ ކޯޗު ނިއުޒިލެންޑްގެ ރިކީ ހާބަޓް ބުނެފިއެވެ.

ކުރިއަށް އޮތް
ސާފް ސުޒުކީކަޕްއަށް ތައްޔާރުވުމުގެ ގޮތުން މެލޭޝިޔާގައި ކޭންޕްކުރުމަށް ގައުމީ
ޓީމާއެކު ރޭ ފުރުމުގެ ކުރިން ގައުމީ ކޯޗް ރިކީ ހާބަޓް ބުނީ މެލޭޝިޔާ
ފުޓްބޯޅައަކީ ވަރަށް ތަފާތު ފުޓްބޯޅައެއްކަމަށާއި ޚާއްސަކޮށް ރާއްޖޭގެ
ކުޅުންތެރިން މިފުޓްބޯޅައަށް އެހާ ފަރިތަ ނުވާނެކަން ކޯޗް ފާހަގަކުރިއެވެ. ކުރިން
ރޭވިފައިވާ ގޮތަށް ކޭމްޕްގެ ކަންތައްތައް ކުރިއަށް ނުދިޔަ ނަމަވެސް ކުރިއަށް އޮތް
ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޓީމް ސާފް ސުޒޫކީ ކަޕަށް ރަނގަޅަށް ތައްޔާރު
ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށްވެސް ގައުމީ
ޓީމުގެ ކޯޗު ރިކީ ހާބަޓް ބުންޏެވެ.



"މިއީ ވަރަށް ރަގަނޅު ދަތުރެއް، ރަގަނޅު މެޗްތަކެއް ކުޅެލަން އެބަލިބޭ. ތަފާތު ފުޓްބޯޅައެއް ކުޅެލުމުގެ ފުރުސަތުވެސް އެބަލިބޭ. ކޭމްޕްގައި ބައިވެރިވާ ހުރިހާ ކުޅުންތެރިންވެސް ބޭނުންކޮށްލުމުގެ ފުރުސަތު އެބަލިބޭ. އެހާ އަވަހަށް ވަކި އެއްޗެއް ބުނަން ނޭގުނަސް، ކޭމްޕްގައި ސާފް ސުޒުކީ ކަޕްއަށް ތައްޔާރުވުމާ، އެންމެ ފުރަތަމަ ބޫޓާން މެޗަށް ތައްޔާރުވުން ވަރަށް މުހިންމު. ކޭމްޕްއަށް ދިއުމުން ހުރިހާ ވަގުތެއްވެސް ހޭދަވާނީ ފުޓްބޯޅައިގެ ތެރޭގައި، މުޅި ދުވަސް އެއްކޮށް ފުޓްބޯޅަ ކުޅުމުގައި ނުވަތަ ޓްރެއިނިންގައި. މިކުޑަ ދުވަސްކޮޅުގައި ކުޅުންތެރިންވަނީ ވަރަށް ބުރަކޮށް މަސައްކަތްކޮށްފަ އަދި ކުޅުންތެރިންގެ ފެންވަރު ވަރަށް ބޮޑުތަން ވަނީ އިތުރުވެފަ." ކޯޗު ބުންޏެވެ. 



ގައުމީ ޓީމް މެލޭޝިޔާއަށް މިކުރާ ކޭޕްގައި ފަސް މެޗް ކުޅުމަށްވަނީ
ހަމަޖެހިފައެވެ. އޮނަތިރީސް ކުޅުންތެރިންނާއެކު ގައުމީ ޓީމް ކޭމްޕްއަށް ފުރިއިރު،
މިޓީމްގައި ވަރަށް ގިނަ ޒުވާން ކުޅުންތެރިން ހިމެނެއެވެ. މިޓީމްގައި ޒުވާން
ކުޅުންތެރިން ހިމެނުމުގެ އެންމެ ބޮޑު ބޭނުމަކީ، އަންނަ އަހަރުގެ ފެބްރުއަރީ މަހު
ފެށުމަށް ހަމަޖެހިފައިވާ ސާފް ގޭމްސްއަށްވެސް ތައްޔާރުވުންކަމަށާއި ޒުވާން
ކުޅުންތެރިންނަށް ރަގަނޅު ތަޖްރިބާ ތަކެއް ހޯދައިދިނުންކަމަށްވެސް ގައުމީ
ކޯޗު ރިކީ ހާބަޓް ބުންޏެވެ. މިދަތުރުގައި ގައުމީ ކެޕްޓަން އަލީ އަޝްފާގް ކުޅެމުން
އަންނަ ޕީ.ޑީ.އާރް.އެމް އާއެކުވެސް ރަޙްމަތްތެރިކަމުގެ މެޗެއް ކުޅުމަށް
ހަމަޖެހިފައިވާކަމަށް އެފްއޭއެމްއިން މަޢުލުމާތުދެއެވެ. މިކޭމްޕްގެ ފުރަތަމަ މެޗުގައި ޤައުމީ
ޓީމް މާދަމާ ވާދަކުރާނީ ޔޫ.އައި.ޓީ.އެމް އާއި ދެކޮޅަށެވެ.