ވިޔަފާރި

މިއަހަރު އިންވެސްޓަރ ވީކް މިމަހުގެ 4އިން 10އަށް ފާހަގަކުރަނީ


ބައިނަލްއަޤްވާމީ އިންވެސްޓަރ ވީކް ފާހަގަކުރުމުގެ ހަރަކާތްތައް ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީން (ސީއެމްޑީއޭ) އިން ފަށައިފިއެވެ.

ސީއެމްޑީއޭއިން، މިއަހަރު މިހަފްތާ ފާހަގަކުރުމަށް ނިންމާފައިވަނީ އޮކްޓޯބަރުމަހުގެ 4 އިން 10 އަށެވެ. މިހަފްތާ ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ، ފަހަށް ރައްކާކުރުމާއި އިންވެސްޓްކުރުމާމެދު ހޭލުންތެރިކަން އިތުރުކުރުމާއި، އިންވެސްޓަރުންގެ ޙައްޤުތައް ރައްކާތެރިކޮށް އިތުބާރު އުފައްދައި ދެމެހެއްޓުންކަމަށް ސީއެމްޑީއޭން ވިދާޅުވެއެވެ.

އިންވެސްޓަރ ވީކް ފާހަގަކުރުމަށް ސީއެމްޑީއޭއިން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. އެގޮތުން ކެޕިޓަލް މާރކެޓާއި، ފައިނޭންޝަލް ލިޓަރަސީއަށް އާންމުން އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި ސީ.އެމް.ޑީ.އޭ ފޭސްބުކް މެދުވެރިކޮށް ކުއިޒެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ސްކޫލްތަކަށް އަމާޒުކޮށްގެން ކެޕިޓަލް މާރކެޓާ ގުޅޭ މަޢުލޫމާތާއި ފަހަށް ރައްކާކުރުން އަދި އިންވެސްކުރެވޭނެ ގޮތްތަކާގުޅޭ މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އާންމުން މިދާއިރާއަށް ހޭލުންތެރިކުރުމާއި އޮޅުވާލައިގެން މިދާއިރާއިން ފައިސާ ހޯދުމާއި ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ އިންވެސްޓަރ ވީކްގެ ތެރެއިން ފައިނޭންޝަލް ސްކޭމްތަކާއި ފްރޯޑްއަށް އާންމުން ހޭލުންތެރިކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އިންވެސްޓަރ ވީކް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީއެމްޑީއޭގެ ސީއީއޯ މުޙައްމަދު ޙުސައިން މަނިކު ވިދާޅުވީ، ކޮވިޑް-19އާއި ގުޅިގެން މާލީ މުޢާމަލާތްކުރުމުގެ ކަންކަމުގައި ޓެކްނޮލޮޖީގެ ދައުރު ކުރިއަށް ވުރެ ފުޅާވެ، އޮޅުވާލުންތައް އިތުރުވެފައިވާ ކަމަށެވެ. އަދި ދުނިޔޭގެ ފެންވަރުގައި މި ފަދަ ހަފްތާއެއް ފާހަގަކުރުމުގެ ބޭނުމަކީ ފައިނޭންޝަލް ލިޓަރަސީގެ މުހިންމުކަން އަންގައި ދިނުމަށާއި، އިންވެސްޓުކުރުމުގައި ބަލަންޖެހޭ އަސާސީ ކަންކަމަށް ދަރިވަރުންނާއި އާންމުން ހޭލުތެރިކުރުވުން ކަމަށް ސީ.އީ.އޯ ފާހަގަކުރެއްވިއެވެ. އެހެންކަމުން، މާލީ މުޢާމަލާތްތައް ކުރުމުގައި، އޭގައި އެކުލެވޭ ރިސްކާއި އަދި އޭގެ ޞައްޙަކަން ދެނެގަންނަންޖެހޭކަން ވަނީ ފާހަގަ ކުރައްވާފައެވެ.

މިއަހަރުގެ ހަރަކާތްތަކުގައި ވެސް އެހެން އަހަރުތަކެކޭ އެއްފަދައިން މާލީ ދާއިރާގެ އެކި މުއައްސަސާތަކުން ބައިވެރިވާކަމަށް ސީއެމްޑީއޭއިން ވިދާޅުވިއެވެ. އެގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްއާއި، އެސް.އެމް.އީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި މޯލްޑިވްސް އިސްލާމިކް ބޭންކް ބައިވެރިވެއެވެ.

2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު، ސެކިއުރިޓީޒް ރެގިއުލޭޓަރުންގެ ބައިނަލްއަޤްވާމީ ޖަމްޢިއްޔާކަމަށްވާ އިންޓަނޭޝަނަލް
އޮގަނައިޒޭޝަން އޮފް ސެކިއުރިޓީޒް ކޮމިޝަންސް (އައި.އޯ.އެސް.ސީ)' އިން އޮކްޓޯބަރމަހުގެ ފުރަތަމަ ހަފްތާ ފާހަގަކުރަނީ ބައިނަލްއަޤްވާމީ އިންވެސްޓަރ ވީކްގެ ގޮތުގައެވެ.