ޚަބަރު

ވިލާއަށް ދިން 2 ފަޅެއްގެ އެގްރީމެންޓް ބާތިލްކުރީ ޤާނޫނާ ޚިލާފަށް


ރިސޯރޓް ތަރައްޤީކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ދޫކޮށްފައިވާ 2 ފަޅެއްގެ އެގްރިމެންޓް ސަރުކާރުން ބާތިލްކުރީ ޤާނޫނާއި ޚިލާފަށްކަމަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.ވިލާއަށް ދޫކޮށްފައިވާ ބައެއް ފަޅުތަކާއި ރަށްތަކުގެ އެގްރިމެންޓް ބާތިލްކުރި މައްސަލާގައި އެކުންފުނިން ހުށައެޅި މައްސަލަތަކުގެ ތެރެއިން މައްސަލައެއް ނިންމާ ސިވިލްކޯޓުން އިއްވި ޙުކުމްގައި ވިދާޅުވެފައިވަނީ މާލެއަތޮޅު ބޮލިދުށްފަރު ފަޅާއި ވާވެއްދިފަޅުގެ އެއްބަސްވުން އުވާލަން ސަރުކާރުން މިއަހަރުގެ ފެބްރުއަރީ މަހު ނިންމި ނިންމުމަކީ ޤާނޫނާއި ޚިލާފް ނިންމުމެއްކަމަށެވެ. އަދި އެ ދެ ފަޅުގެ އެއްބަސްވުން އުވާލިކަމަށް ބުނެ ޓްއަރިޒަމް މިނިސްޓްރީން ވިލާއަށް ފޮނުވާފައިވާ ސިޓީއަކީ ބާތިލް ސިޓީއެއްކަމަށްވެސް ސިވިލްކޯޓްގެ  ހުކުމްގައިވެއެވެ.ވިލާ ކުންފުންޏަށް ސަރުކާރުން ދޫކޮށްފައިވާ ފަޅުތަކަކާއި ރަށްތަކެއްގެ އެގްރިމެންޓް ބާތިލްކުރި މައްސަލަ އެކުންފުނިން ކޯޓަށް ހުށައަޅާފައިވާއިރު މީގެތެރެއިން ބައެއް މައްސަލަތައް އަދިވެސް ވަނީ ކޯޓް މަރުހަލާގައެވެ.