ޚަބަރު

ވިޔަފާރިތައް ފުޅާކޮށް، އިޤްތިޞާދަށް ނަފާ ލިބޭނެ ވިސްނުންތައް ގެންގުޅެންޖެހޭ: ފައްޔާޒު


ދިވެހި ބޮޑެތި ވިޔަފާރިތައް ރާއްޖެއިން ބޭރަށް ފުޅާކޮށް، އޭގެ ނަފާ ރާއްޖޭގެ އިޤްތިޞާދަށް ލިބޭނެ ވިސްނުންތައް ގެންގުޅެންޖެހޭކަމަށް މިނިސްޓަރ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މަރާމާތުގެ މަސައްކަތްތައް ކުރުމަށް ސްޓެލްކޯއިން ހުޅުވި "ސްޓެވޯވް" ވޯރކްޝޮޕް ހުޅުއްވައި، ދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު ވިދާޅުވީ ކުރިއަށް އޮތްތާނގައި ރާއްޖޭގެ އިޤްތިޞާދުގެ މުސްތަޤްބަލު އޮތީ ހަމައެކަނި ފަތުރުވެރިކަމުގެ ސިނާއަތަށް ނޫންކަމަށެވެ. އޭގެ ބަދަލުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ބޮޑެތި ވިޔަފާރިތައް ރާއްޖެއިން ބޭރަށް ގެންގޮސް އެ ވިޔަފާރިތަކަށް އަދި މުޅި ރާއްޖެއަށް ފައިދާވާނެ ގޮތްތައް މިހާރުއްސުރެ ހޯދާ ވިސްނަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރަނގަޅު ނަފާ ހޯދިދާނެ މި ފަދަ އެތަކެއް ފުރުޞަތުތަކެއް ދުނިޔޭގެ އެތައް ޤައުމުތަކެއް އެބަހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖެ މިހާރު އިއާދަކުރަނިވި ހަކަތައާ ހަމަޔަށް މިސްރާބު ޖަހާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިކަމުގައި ރާއްޖެއަކީ ކުޑަ ޤައުމަކަށްވިނަމަވެސް މި ސިނާއަތުގައި ދުނިޔޭގައި ފައި ހަރުކުރުމަށް މަސައްކަތް ކުރަން ޖެހޭކަމަށެވެ.

"ތިމާވެށީގެ ގޮތުން ނާޒުކު ޤައުމަކަށް ވާއިރު ރިނިއުބަލް އެނަރޖީއާ ދިމާލަށް މިސްރަބު ޖަހާފައިވާއިރު މިހާރަށްވުރެ ބޮޑަށް ސްޓެލްކޯ އަދި އެހެނިހެން ކުންފުނިތަކުގެ ފޯކަސް ރިނިއުބަލް އެނަރޖީއަށް ޓާގެޓް ކުރަން އެބަޖެހޭ. މީގެ ސަބަބުން ތިމާވެއްޓަށް ކުރާ ރަނގަޅު އަސަރުގެ އިތުރުން އިޤްތިޞާދު ކުރިއެރުމަށް ހަކަތަ ކުޑަކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅިގެންދާނެ" މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާއިލް ވިދާޅުވިއެވެ.

މި ރައްމިސްޔާތުގައި ސްޓެލްކޯގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކޮންމެ އިޤްތިޞާދެއްގައިވެސް އިޤްތިޞާދުގެ ހަކަތައަކީ ކަރަންޓްކަމަށެވެ. އަދި އެ ވޯރކްޝޮޕްގެ ސަބަބުން ޖަނެރޭޓަރުގެ އަގު ހެޔޮވުމާއި މީގެމަންފާ ސްޓެލްކޯއަށާއި ދަޢުލަތަށް އަދި އާއްމު ރައްޔިތުންނާއި ވިޔަފާރިތަކަށް ލިބިގެންދާނެކަމަށެވެ. މީގެ އިތުރަށް ރާއްޖޭގެ އިޤްތިޞާދުން ބޭރުވާ ލާރި ކޮންމެވެސް ވަރަކަށް ހިފެހެއްޓެގެންދާނެކަމަށާއި ދިވެހިންނަށް އިތުރު ވަޒީފާތަކެއް ލިބިގެންދާނެކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.