ޚަބަރު

އުއްތަމަ ފަނޑިޔާރުގެ ގެކޮޅުގެ ސެކިއުރިޓީ ބްރީޗްގޮތް ދެނެގަތުމަށް މަޖިލީހަށް މައްސަލައެއް


ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ގެކޮޅުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖުއެވެ. ސިރާޖު ހުށަހެޅުއްވި މައްސަލަ ބަލައިގަނެ މަޖިލީހުގައި ވަނީ ބަހުސްކޮށްފައެވެ. މިބަހުސްގައި މެމްބަރުން ވަނީ ދައުލަތުގެ އެންމެ މަތީ ވެރިންގެ ސަލާމަތަށް މިފަދަ ނުރައްކާތެރި ކަންކަން ދިމާވަމުންދާއިރު މިކަމުގައި ސީރިއަސް ގޮތަކަށް އަމަލު ކުރަންޖެހޭކަމަށެވެ.

ސިރާޖު ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު މިހާރުވެސް ގެންދަވަނީ އެމަނިކުފާނުގެ ފުރާނަފުޅަށް އަމާޒުކޮށް 6 މެއި 2021 ވަނަ ދުވަހު ދީފައިވާ ނުރައްކާތެރި ޓެރަރިސްޓް ހަމަލާގެ ޒަހަމްތަކަށް ފަރުވާ ހޯއްދަވަމުން ކަމުގައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަވަހާރަކޮށްލުމަށް ޓެރަރިސްޓް ހަމަލާއެއް ދެވުނުތާ 5 މަސް ނުވަނީސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުގެ ސެކިއުރިޓީ ބްރީޗްއެއް ހިނގުމަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަސް ސިރާޖު ވިދާޅުވިއެވެ.

ދައުލަތުގެ ތިން ބާރުގެ ތެރެއިން ދެ ބާރުގެ ވެރިންގެ ސެކިއުރިޓީ ބްރީޗްވުމަކީ މުޅި ރައްޔިތުންގެ ސެކިއުރިޓީއާމެދު ސުވާލު އުފެދޭކަމަކަށްވާއިރު، އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަންނަން މަސައްކަތްކުރީ މަސްތުވާތަކެތީގެ ސިކާރައަކަށް ވެފައިވާ ފަރާތެއްކަމުގައި ބުނެ ކަންކަން ނިންމާލެވޭ ވަރަށްވުރެ މިފަދަ ކަންކަން ސީރިއަސްކޮށް ނަގަންޖެހޭ ހިސާބަށް މިހާރު ޤައުމުގެ ހާލަތު ގޮސްފައިވާކަމަށްވެސް ވަނީ ބުނެފައެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ރާއްޖޭގައި މިފަދަ ހުރިހާ ކަމެއް ހިނގައިދާ އެންމެ ބޮޑު ސަބަބަކީ މަސްތުވާތަކެތީގެ މައްސަލަ ބޮޑުވުމުންކަމަށެވެ. އަދި ދާދިފަހުން އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަތް މީހަކީވެސް މަސްތުގެ ހާލަތުގައި ހުރެ އެގެއަށް ވަނުމަށް މަސައްކަތް ކުރި މީހެއްކަމަށާއި، އެމައްސަލަވެސް ފުލުހުން މިހާރު ތަހުގީގު ކުރަމުންދާކަމަށެވެ.