ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމަށް އެކުލަވައިލާފައިވާ ޞުލްޙައިގެ މަގުޗާޓު ފޭލުވެއްޖެ ނަމަ، އެނބުރި ރުޖޫޢަ ނުކުރެވޭނެ ފަދަ ޙާލަތަކަށް ވެއްޓި ޞުލްޙައިގެ މަގު ބަންދުވާނެ ކަމުގައި ޞުލްޙައިގެ ބޯޑުގެ އިސް މަންދޫބު ނިކޮލައި މުއަދެއިނޮފް އިންޒާރު ދެއްވައިފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ އެކުލަވައިލެއްވި ޞުލްޙައިގެ ބޯޑުގެ އިސް އޮފިޝަލު މި މޭރުމުން ވިދާޅުވެފައި ވަނީ އެކުވެރި ދައުލަތްތަކުގެ (އދ) ސަލާމަތީ މަޖިލީހުގައި މަޢުލޫމާތު ޙިއްޞާ ކުރައްވަމުންނެވެ. އަދި، 15 ނުކުތާގެ މައްޗަށް އެކުލެވިގެންވާ މަގުޗާޓަށް ޞިހްޔޫނީންގެ ޔަހޫދީ ދައުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ފާޅުގައި ދެކޮޅު ހަދަމުންދާތީއެވެ. މަގުޗާޓު ފޭލުވެއްޖެ ނަމަ، އެނބުރި އާދެވޭނެ ޞުލްޙައިގެ އެހެން މަގުޗާޓެއް، އެކުލަވައިލެވޭނެ އިދާރީ ކޮމިޓީއެއް އަދި އާރާސްތުކުރެވޭނެ ތަނެއް ޣައްޒާގައި ނޯންނާނެ ކަމުގައި މުއަދެއިނޮފް އިންޒާރު ދެއްވިއެވެ.
ދެހާސް ތޭވީސް ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ޔަހޫދީން ފެށި ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 73,422 އަށް އުފުލިފައެވެ. އަދި، 2025 އޮކްޓޫބަރުގައި ޤަތުލުޢާންމު ހުއްޓައިލުމަށް ޔަހޫދީން އެއްބަސްވި ފަހުން ދީފައިވާ ނިރުބަވެރި ހަމަލާތަކުގައި 1,288 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި، އިތުރު 4,290 މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ. ހަމަނުޖެހުންގަނޑަށް ނިމުމެއް ގެނައުމަށް ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޙަމާސް ޖަމާޢަތުން ޖުލައި 30 ވަނަ ދުވަހު ވަނީ އެއްބަސްވެފައެވެ. އަދި، ވެރިކަން ހިންގުމަށް ޤައުމީ އިދާރީ ކޮމިޓީއެއް އެކުލަވައިލުމުގެ ފުރުޞަތު ފަހިކޮށްދީ، އެ އިދާރާއާ ހަތިޔާރު ޙަވާލުކުރުމަށް އެ ޖަމާޢަތުން ވަނީ ނިިންމާފައެވެ. ނަމަވެސް، މަގުޗާޓުގައިވާ ގޮތަށް، ޔަހޫދީ ސިފައިން އަތްގަދަ ކޮށްފައިވާ ޣައްޒާގެ ބިންތަކުން އެ މީހުން ބޭލުމަށް އަނިޔާވެރި ނަތަންޔާހޫ ދަނީ އިންކާރު ކުރަމުންނެވެ.
ޣައްޒާ މަގުޗާޓުގެ ދަށުން، ޙަމާސުން ހަތިޔާރު ބެހެއްޓުމުން، އެ ތަކެތި ނައްތައިލުމުގެ އިންތިޒާމުތައް ހަމަޖައްސާނީ އެމެރިކާގެ އަސްކަރިއްޔާގެ މޭޖަރ ޖެނެރަލް ޖެސްޕަރ ޖެފަރޑްސްގެ ބެއްލެވުމުގެ ދަށުން، ޣައްޒާއަށް ފޮނުވުމަށް ހަމަޖައްސާފައިވާ ޞުލްޙަ ބަލަހައްޓާ ބައިނަލްއަޤުވާމީ ފައުޖުންނެވެ. މި ކަންކަމަށް ޙަމާސުން އެއްބަސްވެފައިވީ ނަމަވެސް، އަސްކަރީ ހަރަކާތްތައް ހުއްޓުމަކަށް ގެނެސްފައި ނުވާ ކަމުގައި މުއަދެއިނޮފް ވިދާޅުވިއެވެ. އަދި، ހަތިޔާރު ގެންގުޅުމާއި، އިތުރު ބިންގަރާސްތައް ބިނާކުރުމާއި، އެހީގެ ގާފިލާތަކަށް ހުރަސްއެޅުން ފަދަ ޢަމަލުތައް ޙަމާސުން ހިންގަމުންދާ ކަމުގައި ތުހުމަތުކޮށް، އޭނާ ވަނީ މިއީ ޤަތުލުޢާންމު އަލުން ފެށުމަށް ޔަހޫދީން ބޭނުންކުރާނެ ބަހަނާތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
މި ދަނޑިވަޅުގައި، ޔަހޫދީ ދައުލަތުން ދަނީ، އިސްތިޢުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގައި އިތުރު ޔަހޫދީން ވަޒަންވެރި ކުރުވުމަށް މަސައްކަތް ކުރަމުންނެވެ. މި ގޮތުން، ހުޅަނގު އައްސޭރީގައި 'އީ1' ގެ ނަމުގައި އައު އިމާރާތްތަކެއް އެޅުމަށް ޔަހޫދީ ދައުލަތުން ވަނީ ބީލަމަށް ހުޅުވައިލާފައެވެ. މި ކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ފަލަސްޠީނުން އދ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރިޔާޟް މަންޞޫރު ވަނީ، މިއީ ފަލަސްޠީނުގެ އިތުރު ބިންތައް ފޭރިގަތުމަށް ޔަހޫދީން ހިންގަމުންދާ ޖަރީމާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި، މިއީ ޞުލްޙައިގެ މަގުޗާޓު ފޭލުކޮށްލުމަށް ޔަހޫދީން ގަސްދުގައި ހިންގަމުންދާ ޢަމަލުތަކެއް ކަމުގައި އޭނާ ވިދާޅުވިއެވެ.