ޚަބަރު

އޮކްޓޫބަރު 3 ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ސަރުކާރުން ކަނޑައަޅައިފި


ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރައްވާފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ގުނަން ފެށުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޚާއްސަ ޙަފްލާ ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ފެށިގެން އައިގޮތާއި ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ގުނަން ފަށާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހެއްގެ ގޮތުގައި ވަކި ދުވަހެއް މިހާތަނަށް ކަނޑައެޅިފައިނުވާކަމަށެވެ.

ރާއްޖޭގައި ފާހަގަކުރަމުންދަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސްކަމުގައިވާ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަސްކަމަށާއި، އެހެން ކަމުން ރާއްޖޭގައި ފުރަތަމަ ރިސޯޓެއް ހުޅުވުނު ދުވަހަކީ ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ކަނޑައަޅަން ނިންމެވީ ކަމަށް ރާއްޖޭގައި ހުޅުވުނު ފުރަތަމަ ރިސޯޓުގައި ހުންނަވައިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ރާއްޖޭގައި ފުރަތަމަ ރިސޯޓު ހުޅުވުނު ދުވަސް، އާދެ. ކުރުނބާ ވިލެޖްގެ ނަމުގައި މި ރިސޯޓް ހުޅުވުނު ދުވަސް، 3 އޮކްޓޫބަރު، ކޮންމެ އަހަރަކުވެސް ދިވެހިރާއްޖޭގެ ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިހަފްލާގައި ރައީސުލްޖުމްހޫރިއްޔާވަނީ ރާއްޖޭގައި ފަތުރުވެރިކަމުގެ ޞިނާޢަތުގެ މޭސްތިރިންނާއި، އިންވެސްޓަރުން އަދި ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން މިކަމުގައި ވެވަޑައިގެންނެވި ޤުރުބާނީގެ އަގު ވަޒަންކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގެ ނަމުގަޔާއި، ރާއްޖޭގެ ރައްޔިތުންގެ ނަމުގަޔާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި މަރުޙަބާއާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަންޔޫބީލްއާ ގުޅޭ ޅެން މިހަފްލާގައި ޓޫރިޒަމް މިނިސްޓަރ ޢަބްދުﷲ މަޢުސޫމްވަނީ ރައީސުލްޖުމްހޫރިއްޔާއަށް އަރުއްވާފައެވެ.

ރާއްޖޭގައި ހުުޅުވުނު ފުރަތަމަ ރިސޯޓަކީ މާލެއަތޮޅު ވިހަމަނާފުށީގައި، 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު، ހުޅުވި ކުރުނބާ ވިލެޖް ނުވަތަ މިހާރުގެ ކުރުނބާ މޯލްޑިވްސްއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ފެށިގެން އައީ، އެ ރިޒޯޓުގައި ތަރައްޤީކުރި 30 ކޮޓަރިންނެވެ. އެއީ ޖުމްލަ 60 އެނދެވެ. އެހެން ނަމަވެސް ފަތުރުވެރިކަމުގެ ރަން ޔޫބީލް ގުނަން ފަށާއިރު، ރާއްޖޭގައި މިހާރު 156 ރިޒޯޓާއި، 582 ޓޫރިސްޓް ހޮޓާ ގެސްޓްހައުސް އަދި 144 ސަފާރީގައި، ފަތުރުވެރިންނަށް ޚިދުމަތް ދެމުންގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެއީ ޖުމްލަ 51038 އެނދެވެ. އަދި ދުނިޔޭގައި ނަން ހިނގާ ހުރިހާ ބްރޭންޑެއްގެ ރިޒޯޓުތައް މިހާރު ރާއްޖޭގައި ހުރިއިރު މިއަދު ރާއްޖޭގެ ޖީ.ޑީ.ޕީ.ގައި ފަތުރުވެރިކަމުގެ ޙިއްޞާއަކީ، 44.5 އިންސައްތައެވެ.