ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްގެ މެންބަރުކަމުގެ މަޤާމަށް، ގދ. ތިނަދޫ، އަސޭގެ އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބު ޢައްޔަންކުރައްވައިފިއެވެ.
އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބު މި މަޤާމަށް ޢައްޔަންކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާއާ ހަވާލުކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބު ވަނީ، ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރު ކަމުގެ ހުވާ ކުރައްވާފައެވެ. ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދެވެ.
އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބު މީގެކުރިން ވަނީ އެޓަރނީ ޖެނެރަލްގެ އޮފީހުގައި 2015ވަނަ އަހަރުން ފެށިގެން ސްޓޭޓް އެޓަރނީކަމާއި ސީނިއަރ ސްޓޭޓް އެޓަރނީގެ މަޤާމު ފުރުއްވާފައެވެ. މީގެ އިތުރުން، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި އެޓޭޗޭއެއްގެ މަޤާމުވެސް 2010ވަނަ އަހަރާއި 2011ވަނަ އަހަރާއި ދެމެދު ސަމާއު ފުރުއްވާފައިވެއެވެ.
އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް މެލްބަންއިން މާސްޓަރ އޮފް ހިއުމަން ރައިޓްސް ލޯ ހާސިލުކުރައްވާފައިވާ އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބު ވަނީ އިންސާނީ ޙައްގުތަކާއި ބެހޭ އެތަކެއް ވޯކްޝޮޕްތަކާއި ސެމިނަރތަކުގައި ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން، އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބަކީ އ.ދ.ގެ ޔޫ.އެން.ސީ.އޭ.ސީއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ މާހިރުންގެ ޓީމުގެ މެންބަރެކެވެ.