ޚަބަރު

ބިންވެރިޔާ ސްކީމުގެ 3ވަނަ ކެޓަގަރީއަށް މިހާރު ކުރިމަތިލެވޭނެ


  • މުއްދަތު ހަމަވަނީ މިމަހުގެ 31 ގައި

  • މިޕްރޮގްރާމްގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިން

ބިންވެރިޔާ ސްކީމުގެ 3 ވަނަ ކެޓަގަރީއަށް ކުރިމަތިލުމުގެ ފުރުޞަތު ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މި ކެޓަގަރީއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ ނިޔަލަށެވެ.

ބިންވެރިޔާ ސްކީމާ ގުޅޭ އުސޫލަށް އިސްލާހު ގެނެސް ގެޒެޓުގައި ޝާއިއުކޮށްފައިވާ އިޢުލާނުގައިވާ ގޮތުން، ކެޓެގަރީ 3ގެ ދަށުން އެޕްލިކޭޝަން ހުށަހެޅޭނީ 2 ބަޔަކަށެވެ. އެއީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގައި ސިންގަލް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ފަރާތަކުން ގޯތި ދޫކޮށް ފްލެޓަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކާއި، ޖޮއިންޓް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ހުރިހާ ފަރާތްތަކުން ގޯތި ދޫކޮށް ވަކިން ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅަން އެދޭ ފަރާތްތަކެވެ.

މި ޕްރޮގްރާމްގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ. އެއީ 1250 އަކަފޫޓުގެ ގޯއްޗެވެ.

ބިންވެރިޔާ ސްކީމްގެ ޚާއްސަ ކެޓެގަރީތައް

ކެޓަގަރީ 1 - ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ މީހުން
ކެޓަގަރީ 2 - ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފުލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު މީހުން
ކެޓަގަރީ 3 - ބިންވެރިޔާ ސްކީމްގެ ދަށުން ލިބުނު ގޯތި ދޫކޮށް ފުލެޓަށް އެދޭ ސިންގަލް އެޕްލިކޭޝަނެއް ހުށަހެޅި މީހުން ނުވަތަ ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅި މީހުންގެ ތެރެއިން ގޯތި ދޫކޮށް ވަކިން ގޯއްޗާއި ފްލެޓަށް އެދޭ މީހުން

ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫޢުގެ ދަށުން ގިނަ ކެޓަގަރީތަކުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުޞަތު މިމަހުގެ ނިޔަލަށް ހަމަވާނެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު، "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު އިޢުލާނު ކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އަދި ފޯމު ހުށައެޅުމަށް ހުޅުވާލީ މިއަހަރުގެ ޖަނަވަރީމަހުއެވެ. ސަރުކާރުން ހުޅުވާލާފައިވަނީ 15،000 ގޯއްޗާއި 7،900 ފްލެޓެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތައް އިޢުލާނުކުރި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުންތަކަށްފަހު، އާއްމުންގެ ޚިޔާލަށް ބަލާ ބައެއް ކެޓަގަރީތައް ވަނީ އިތުރުކޮށްފައެވެ.