ރާއްޖޭގެ މަސްވެރިކަމުގައި އެންމެ ފާހަގަކޮށްލެވޭ އެއްރަށަކީ ގއ.ގެމަނަފުއްޓެވެ. އެރަށަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގެ ބްރޭންޑެއްގެ ގޮތުގައި މުޅި ޤައުމު ބަލައިގެންފައިވާ ރަށެކޭ ދެންނެވިދާނެއެވެ. އެއީ ރަށުގެ ކޮންމެ ޢާއިލާއެއް ސީދާގޮތުން ނުވަތަ ނުސީދާގޮތުންނަމަވެސް މަސްވެރިކަމާއި ގުޅިފައިވާ ރަށެކެވެ. އެރަށުގެ މަސްވެރިކަން ކުރިއެރުވުމަށް ރަށު ކައުންސިލާއި މަސްވެރިން ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް ރަށުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަކީ މިދާއިރާ ކުރިއެރުވުމަށް އޮތް ދައްޗެއްކަމަށް އެރަށު ރައްޔިތުން ދެކެއެވެ.
ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން ގއ.ގެމަނަފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ނާޝިދު ވިދާޅުވީ ގެމަނަފުށީ ބަނދަރަކީ ސަރަޙައްދުގެ ރަށްރަށަށް ބަލާއިރުވެސް ބިޒީ ބަނދަރެއްކަމަށެވެ. އެގޮތުން މަސްވެރިކަމުގައި ބޭނުންކުރާ 100 ފޫޓަށްވުރެ ދިގު 10 ދޯންޏާއި 10 ސްޕީޑު ލޯންޗާއި 50 ހެއްހާ ޑިންގީގެ އިތުރުން މުދާ އުފުލުމަށް މާލެ ދަތުރުކުރާ 8 ބޯޓުވެސް އެރަށުގައި އޮންނައިރު ބައެއް ދުވަސްދުވަހު ޖާގަ ނެތިގެން ކަނޑުމަތީ ދޯނިތައް މަޑުކުރަންޖެހޭކަން ނާޝިދު ފާހަގަކުރެއްވިއެވެ.
"ބަނދަރު ކުޑަވެ އިތުރަށް ބަނދަރު ބޮޑުކުރުމަށް އަޅިގަނޑުމެންވާނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައިވެސް ދަންނަވާފައި. އަދި ހަމައެއާއެކު ކަމާ ގުޅުންހުރި މުވައްސަސާތަކާއެކުވެސް އަޅުގަނޑުމެންވާނީ މަޝްވަރާކޮށްފައި. ލިބުނީ އުއްމީދީ ޖަވާބެއް." ނާޝިދު ވިދާޅުވިއެވެ.
ގެމަނަފުށީގައި މިހާރު ބޭނުންކުރަމުންއަންނަނީ 2016ވަނަ އަހަރު ތަރައްޤީކޮށްފައިވާ 1000 ފޫޓު 350 ފޫޓުގެ ފުޅާ ބަނދަރެކެވެ. އެހެންނަމަވެސް މަސްވެރިކަން ތަރައްޤީވެ، މިދާއިރާގައި ޙަރަކާތްތެރިވާ ޒުވާނުން އިތުރުވެ، އިތުރު ގޮތްގޮތަށް މަސްވެރިކަން ފުޅާކުރުމަށްޓަކާ ރަށަށުގެ ބަނދަރު ބޮޑުކުރަން އެރަށު ރައްޔިތުންވަނީ ބޭނުންވެފައެވެ.
މަސްވެރިކަމަކީ ދިވެހިންގެ ލޭނާރެވެ. ހެޔޮގޮތުގައި މިދާއިރާ ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިއްޖެކަމުގައިވާނަމަ ރާއްޖޭގެ ޢިޤްތިޞާދު ސިންދަފާތުކުރުމުގައި މުހިއްމު ސިނާޢަތަކަށްވާނެކަމަށް ގެމަނަފުށީ މަސްވެރިން ބުނެއެވެ. އެރަށުގައި މަސްވެރިކަމަށް ބޭނުންކުރާ އުޅަނދުތަކުގެ ސައިޒު ބޮޑުވެ ބޭނުންކުރާ އުޅަނދުތަކުގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. އަދި އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރަމުން ދިޔަ އެތައް ޒުވާނުންނެއް ގެމަނަފުށިން އެކަނިވެސްވަނީ އެދާއިރާތައް ދޫކޮށް މަސްވެރިކަމުގެ ސިނާއަތާ ގުޅިފައެވެ.