ޚަބަރު

ފަރެސްމާތޮޑާ އެއަރޕޯޓް ރަންވޭގެ އެންމެފަހުގެ މަސައްކަތަށް ބޭނުންވާ ތަކެތި ގެންގޮސްފި


ގދ.ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއަރޕޯޓް ރަންވޭގެ އޭބީސީ ފަށަލަ ހެދުމަށްޓަކައި ބޭނުންވާ ތަކެތި މަސައްކަތު ސައިޓަށް ގެންގޮސްފިއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓުގެ ރަންވޭގައި ތާރުއެޅުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް އެކުންފުނިން މިހާރު ދަނީ ވަމުންނެވެ. ފަރެސްމާތޮޑާގައި އެއަރޕޯޓް ހެދަން ބިން ހިއްކުމުގެ މަސައްކަތް ފެށީ 2018ވަނަ އަހަރުއެވެ. ބިން ހިއްކުމުގެ މަސައްކަތް 2019ވަނަ އަހަރު ނިމުނުނަމަވެސް، އެއަރޕޯޓުގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ. މަސައްކަތް ހުއްޓިފައި އޮންނަތާ ދިގު މުއްދަތަކަށްފަހު، ފަރެސްމާތޮޑާ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީއާ ސަރުކާރުން ޙާވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުއެވެ.

އެމްޓީސީސީން ވިދާޅުވީ، ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. އަދި އެއަރޕޯޓުގެ ރަންވޭގައި ތާރު އެޅުމަށް ބޭނުންވާ އެންމެފަހުގެ ތައްޔާރީތައް މިހާރުވަމުންދާކަމަށް އެކުންފުނިން ވިދާޅުވެއެވެ. މިގޮތުން މިހާރުވަނީ އެއަރޕޯޓް ރަންވޭގެ އޭބީސީ ފަށާލަ ހެދުމަށްޓަކައި ބޭނުންވާ ތަކެތި ސައިޓަށް ގެންގޮސްފައެވެ. އަދި މިހާރު ކުރިއަށްދަނީ އެއަރޕޯޓް ފަޔަރ ބިލްޑިންގގެ އޮނިގަނޑުގެ މަސައްކަތްކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީކުރަނީ ކައިރީގައިހުރި ކުދި ރަށްތަކެއް ހިއްކައިގެންނެވެ. މިރަށްތައް ހިމެނޭހެން ޖުމުލަ 19.9 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. އަދި ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމަށް 888 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލަ ޖަހާފައިވެއެވެ. މިއީ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރާ އެއަރޕޯޓެކެވެ. މިމަޝްރޫޢުގެ މަސައްކަތްތަކުގެ ތެރޭގައި 1200 މީޓަރުގެ ރަންވޭ ހެދުމާއި، ޓެކްސީވޭއާއި ފްލައިޓް ޕާކުކުރާ އޭޕްރަންއާއި، ސަރވިސް ރޯޑް ޤާއިމުކުރުން ހިމެނެއެވެ.

މި މަޝްރޫޢަކީ 144.8 މިލިއަން ރުފިޔާގެ މަސައްކަތެކެވެ. މަސައްކަތް މުޅިން ނިންމުމަށް އެމްޓީސީއާ ޙަވާލުކޮށްފައިވަނީ 1 އަހަރާ 8 މަސް ދުވަހުހެ މުއްދަތެކެވެ. އެމް.ޓީ.ސީ.ސީގެ އަމާޒަކީ މިއަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ފަރެސްމާތޮޑާ އެއަރޕޯޓުގެ ހުރިހާ މަސައްކަތްތަކެއް ނިންމައި ސަރުކާރާ ޙަވާލުކުރުމެވެ.