ވިޔަފާރި

ދެކުނު ކޮރެއާގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުކުރަން އޮންލައިން ވެބިނާއެއް!


ދެކުނު ކޮރެއާގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމަށް އެމްއެމްޕީއާރްސީން ވެބިނާއެއް ބާއްވައިފިއެވެ.

މިދިޔަމަހު ފަހުކޮޅު މިވެބިނާ ބާއްވާފައިވަނީ "މޯލްޑިވްސް - ޔޯ ސޭފް ހެވަން"ގެ ނަމުގައެވެ. އެމްއެމްޕީއާރްސީގެ އޮންލައިން މަންސަ މެދުވެރިކޮށް ގަޑިއެއްހާއިރަށް ކުރިއަށް ގެންދިޔަ މި ވެބިނާގައި ދެކުނު ކޮރެއާއަށް ނިސްބަތްވާ ގިނަ ޢަދަދެއްގެ ޓްރެވަލް އެޖެންޓުން ބައިވެރިވިކަމަށް އެމްއެމްޕީއާރްސީން ވިދާޅުވެއެވެ.

ދެކުނު ކޮރެއާ މާކެޓަށް އަމާޒުކޮށް އެމްއެމްޕީއާރްސީން ކުރިއަށް ގެންދިޔަ މިވެބިނާގެ މަޤްޞަދަކީ އެޤައުމުގައި އަޅާފައިވާ ފުރަބަނދުގެ ފިޔަވަޅުތަކަށް ލުއި ދިނުމާއެކު ރާއްޖެއަކީ، ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްކަން ބުނެދިނުމެވެ. އެގޮތުން ރާއްޖޭގެ ރައްތަށް ޤުދުރަތީ ގޮތުން ވަކިން އޮންނަ ރައްތަކަށް ވުމުން މި ވެބިނާ ތެރޭގައި މިކަމުގެ ސަބަބުން ފަތުރުވެރިންނަށް ލިބޭ ރައްކާތެރިކަން ވަނީ ކިޔައިދީފައެވެ.

މި ވެބިނާ ކުރިއަށް ގެންގޮސްފައި މިވަނީ ދެކުނު ކޮރެއާގައި ރާއްޖޭގެ މަޤުބޫލުކަން ދަމަހައްޓައި މިމާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށް އެމްއެމްޕީއާރްސީން ގެންގުޅޭ ސްޓްރެޓަޖީގެ ދަށުންނެވެ. މި ސްޓްރެޓެޖީއަކީ، މި މާކެޓުގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލްކަމުގައި ރާއްޖެ ދަމަހައްޓައި ދެކުނު ކޮރެއާގެ ބޯޑަރު އަލުން ހުޅުވުމުން، އެޤައުމުން ރާއްޖެ ޒިޔާރަތްކުރާ މީހުންގެ ޢަދަދު އިތުރުކުރުމެވެ.

މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު ހަތަރު ޕްރޮޑަކްޓްކަމަށްވާ، ގެސްޓުހައުސް، ހޮޓެލް، ރިސޯޓު އަދި ލިވަބޯޑުގެ މަޢުލޫމާތު އެޖެންޓުންނަށް ވަނީ ފޯރުކޮށްދީފައެވެ.

މިވެބިނާގައި ހުށަހެޅުމުގައި ކްރޮސް ރޯޑްސް މޯލްޑިވްސްއާއި، ތާޖް އެގްޒޯޓިކާގެ އިތުރުން ޖޭ.ޑަބްލިއު މެރިއޮޓް އަދި ސިންގަޕޯރ އެއާލައިންސްއިން ވަނީ އެމްއެމްޕީއާރްސީއާއެކު ބައިވެރިވެފައެވެ. އެގޮތުން ވެބިނާގެ ތެރެއިން ހޮވޭ 3 ބައިވެރިއަކަށް މި 3 ރިސޯޓުން ކުރެ ރިސޯޓެއްގައި ހިލޭ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

މިމާކެޓުގައި ރާއްޖެ އިސްތިހާރު ކުރުމަށް މީގެ ކުރީންވެސް ތަފާތު އެކި ޙަރަކާތްތަކަށް އެމްއެމްޕީއާރްސީން ވަނީ ރާވާފައެވެ. މީގެތެރޭގައި އައުޓްޑޯ އެޑްވަޓައިޒިން ކެމްޕެއިންތަކާއި، ދެކުނު ކޮރެއާގެ އެންމެ މަޤުބޫލު ހަނީމޫން ޓްރެވެލް އެޖެންސީ ޕާމް ޓުއާޒްއާއެކު ކުރިއަށް ގެންދިޔަ އޮންލައިން ސޭލްސް ޕްރޮމޯޝަން އަދި ފިޒިކަލް ފެއަރގެ އިތުރުން ނޮބްލީސް އެންޑް ޓްރީވީއާއެކު ކުރިއަށް ގެންދިޔަ ޕްރިންޓް މީޑިއާ އެޑްވަޓައިޒިން ކެންޕެއިން ހިމެނެއެވެ.