ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިންޓަރނޭޝަނަލް ސްކޫލެއް ހިންގަން ހަވާލުކޮށްފި


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިންޓަރނޭޝަނަލް ސްކޫލެއް ހިންގަން އެޗްޑީސީން ބަޔަކާއި ހަވާލުކޮށްފިއެވެ.

ދެވަނަ ފިޔަވަހީގަ ސްކޫލެއް ތަރައްޤީކޮށް ހިންގުމުގެ ފްރޭމްވަރކް އެއްބަސްވުން އެކުލަވާލާފަވަނީ އައިލެންޑަރސް އެޑިއުކޭޝަނާއެކުއެވެ.

އައިލެންޑަރސް އެޑިއުކޭޝަނަކީ މިހާރުވެސް އިންޓަރނޭޝަންލް ސްކޫލްތައް ރާއްޖޭގައި ހިންގަމުން އަންނަ އަމިއްލަ ކުންފުންޏެކެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއިން އައިލެންޑަރސް އެޑިއުކޭޝަނާއެކު އެއްބަސްވުން ޤާއިމުކޮށްފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕްރައިވެޓް-އިންޓަރނޭޝަނަލް ސްކޫލެއް ތަރައްޤީކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމަށެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑައިރެކްޓަރ ސުޙައިލް އަޙުމަދުއެވެ. އަދި އައިލެންޑަރސް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރ އަޙުމަދު އަދީލް ރަޝީދުއެވެ.

އައިންޑަރސް އެޑިއުކޭޝަންއަކީ ރާއްޖޭގަ އިންޓަނޭޝަނަލް ސްކޫލްތައް ހިންގުމުގެ ތަޖުރިބާ ހުރި އަދި މި ދާއިރާގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތްކުރަމުން އަންނަ ކުންފުންޏެކެވެ.

އައިލެންޑަރސް އެޑިއުކޭޝަނުން ހިންގަމުން އަންނަ ސްކޫލްތަކުގެ ތެރޭގައި ކެންގަރޫ ކިޑްސް އިންޓަރނޭޝަނަލް ސްކޫލާ، ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލާއި ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް މޯލްޑިވްސް އަދި އަމީރް އަޙުމަދު ހިމެނެއެވެ. އަދި ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12އާ ހަމައަށް އަންނަނީ ތަޢުލީމު ދެމުންނެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު މީހުން އާބާދުވާން ފަށާފަވާއިރު، އެތަނުގައި އާއްމު ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތްދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި، ފުރަތަމަ ބުރުގައި 4 ސްކޫލެއް ތަރައްޤީކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ހާމަކުރެއެވެ. މީގެތެރެއިން 3 ސްކޫލަކީ ކޮންޓްރެކްޓަރ ފައިނޭންސް، ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަދާ ސްކޫލްތަކެވެ. އަދި އެއް ސްކޫލަކީ އިންޓަރނޭޝަނަލް ސްކޫލެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން މީގެކުރިން ހާމަކޮށްފައިވެއެވެ.

މި ހުރިހާ ސްކޫލްތަކަކީވެސް 6 ބުރީގެ ޢިމާރާތްތަކެކެވެ. މިއިން ކޮންމެ ސްކޫލެއްގައި ގްރޭޑް 1އިން 10އަށް ކިޔަވައިދިނުމަށްވަނީ ހަމަޖެހިފައެވެ. މިއީ 1،000އާއި 1،200 އާ ދެމެދުގެ ޖާގައިގެ ސްކޫލްތަކެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން މިއަހަރުގެ ޖޫންމަހު ވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްކޫލެއް ތަރައްޤީކުރަން ރަޝީދް ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާވެސް ހަވާލުކޮށްފައެވެ. މި މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 1އަހަރާ 6މަސް ދުވަހުގެ މުއްދަތުންނެވެ.