އަމިއްލަ ދިފާއުގައި ވާހަކަ ދައްކާ ދައްކާ ވަރުބަލިވެއްޖެ ކަމަށް ސްޕެނިޝް ލަލީގާގެ ބާސެލޯނާގެ ކޯޗް ރޮނާލްޑް ކޫމަން ބުނެފިއެވެ. ކޫމަން މިހެން ބުނެފައިވަނީ ލަލީގާގައި މިރޭ ޗެމްޕިއަން އެޓްލެޓިކޯ މެޑްރިޑާއި ވާދަކުރާ މެޗްގެ ކުރިން ވާހަކަ ދައްކަމުންނެވެ.
އޭނާ ބުނީ ބާރސާގެ ކޯޗް ކަމުގެ މަގާމުގައި ދެމިހުރުމާބެހޭގޮތުން އޭނާ އާއި އެއްވެސް މީހަކު ވާހަކަ ދައްކާފައިނުވާކަމަށެވެ. އެންމެފަހުން ޗެމްޕިއަންސް ލީގުގައި ބާރސާ ކުޅުނު މެޗުން އެޓިމް ބަލިވުމާއެކު ކޫމަން އޮތް ޕްރެޝަރ މިހާރުވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ. ކޫމަން ބުނީ ކްލަބްގެ ރައީސް ހުއާން ލަޕޯޓާވެސް އެބައުޅޭ ކަމަށާއި ނަމަވެސް މިރޭގެ މެޗަށް ތައްޔާރުވަމުން ދާތީ ވާހަކަ ދެއްކި ފައި ނުވާކަމަށެވެ. އަމިއްލަ ދިފާއުގައި ވާހަކަ ދައްކަން މިއީ އެންމެ ރަނގަޅު ވަގުތު ނޫން ކަމަށާއި ނަމަވެސް ކޮންމެވެސް ދުވަހަކުން މިހުރިހާ ކަމަކާއި ގުޅޭގޮތުން ވާހަކަ ދައްކާނެކަމަށް ކޫމަން ބުންޏެވެ. އަދި ލަޕޯޓާ އާއި އޭނާ އާއި ދެމެދުގައި އޮތް ގުޅުމާއި ގުޅޭގޮތުން ވާހަކަ ދައްކަންވެސް ކޫމަން ދެކޮޅުހެދިއެވެ.
ބާރސާގެ ރައީސް ކަމާއި ލަޕޯޓާ ހަވާލުވިފަހުން ކޫމަން އާއި ދެމެދުގައި އޮންނަ ގުޅުމާގުޅޭގޮތުން އެކިފަރާތްތަކުން އަންނަނީ އެކިގޮތަށް ވާހަކަ ދައްކަމުންނެވެ. މިގޮތުން ސްޕެއިންގެ ބައެއް މީޑިއާ ތަކުން ކޫމަން ވަރަށް އަވަހަށް ބާރސާގެ ކޯޗުކަމުން ވަކިކުރެވޭނެ ކަމަށް ރިޕޮޓްކޮށްފައިވެއެވެ. ނަމަވެސް ކޫމަން ބޭނުންވަނީ އޭނާގެ މުސްތަގްބަލުގެ ބަދަލުގައި އެޓްލެޓިކޯ މެޗަށް އިސްކަން ދީ އެމެޗުން މޮޅުވާން މަސައްކަތް ކުރާށެވެ. މިމެޗުން ބަލިވެއްޖެނަމަ އޭނާ އިތުރަށް ކްލަބްގައި ނުބަހައްޓާނެކަމަށް ގިނަ ބަޔަކު ބުރަވެއެވެ.