ލިވަޕޫލްގެ ކޯޗް ޔަރގެން ކްލޮޕާއެކު ކްލަބް ލެވެލްގައި އޮތް ވާދަވެރިކަމުގެ ސަބަބުން ކުރިއަށް ވުރެ ރަނގަޅު ކޯޗަކަށް ވުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާކަމަށް އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފިއެވެ. ގާޑިއޯލާ މިހެން ބުނެފައިވަނީ މިހަފްތާ ބަންދުގައި މިދެޓީމްގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗްގެ ކުރިން ނޫސް ވެރިންނާއި ވާހަކަ ދައްކަމުންނެވެ.
މާދަމާ ރޭގެ މެޗާއި ކުރިމަތިލާއިރު ސިޓީ އޮތީ ލިވަޕޫލަށް ވުރެ އެއް ޕޮއިންޓް ފަހަތުން ތާވަލްގެ ދެވަނައިގައެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ ލިވަޕޫލްގެ ދަނޑުގައި ކަމުން މިމެޗުން ލިވަޕޫލް މޮޅުވާން ވަރަށް މަސައްކަތް ކުރާނެކަމަށް ބެލެވެއެވެ. އަދި މެޗުގައި ސިޓީއިން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޕިވަޕޫލް އަމިއްލަ ދަނޑުގައި ބަލިކުރުމަށް ވެސް ވަރަށް ބޮޑަށް މަސައްކަތް ކުރާނެއެވެ. ގާޑިއޯލާގެ ކޯޗިންގ ކެރިއަރުގައި އެންމެ ގިނަ މެޗް ގެއްލިފައިވަނީ ކްލޮޕް އާއި ދެކޮޅަށެވެ. މިގޮތުން އަށް މެޗުން ގާޑިއޯލާ ބަލިވެފައިވެއެވެ. ގާޑިއޯލާ ބުނީ ކްލޮޕްގެ ޓީމްތަކުގެ ސަބަބުން އޭނާގެ ކޯޗްކަން އިތުރަށް ރަނގަޅުވެފައިވާކަމަށެވެ.
މިގޮތުން ކްލޮޕްގެ ޓީމް ތަކާއި ވާދަކުރާއިރު އޭނާއަށް އިތުރު ގޮތްތައް ހޯދާ މެޗަށް ޓީމް ތައްޔާރު ކުރަން ޖެހޭގޮތް އަބަދުވެސް އަންނަނީ އުނދަގޫ ވަމުން ކަމަށެވެ. ލިވަޕޫލާއި ބައްދަލު ކުރާ މެޗަކީ އަބަދުވެސް ވަރަށް ހާއްސަ މެޗެއް ކަމަށާއި އޭނާގެ ޓީމް އަބަދުވެސް ޖެހެނީ އެންމެ ރަނގަޅު ފޯމްގައި އެންމެ ފުރިހަމައަށް ވާދަ ކުރަން ކަމަށާއި އެހެން ނޫނީ ލިވަޕޫލްގެ މައްޗަށް ކާމިޔާބު ހޯދުމަކީ އުނދަގޫ ކަމަކަށް ވާނެކަމަށްވެސް ގާޑިއޯލާ ބުންޏެވެ.
މިދެޓީމް އެންމެ ފަހުން އެންފީލްޑްގައި ވާދަކުރިމެޗް 4 ލަނޑު އެއް ލަނޑުން ކާމިޔާބުކުރީ ސިޓީއެވެ. ނަމަވެސް އެއިރާއި އަޅާބަލާއިރު މިހާރު ލިވަޕޫލް ޓީމު ވަރަށް ބޮޑުތަން ބަދަލުވެ ޓީމަށް އިތުރު ކުރި އެރުންތަކެއް ވަނީ އައިސްފައެވެ. އެހެން ކަމުން މާދަމާ ރޭގެ މެޗަކީ ދެޓީމަށްވެސް ފަސޭހަ ވާނެ މެޗެއް ނޫނެވެ. އަދި މިމެޗުން މޮޅު ވާ ޓީމަކަށް މިހަފްތާ ނިމޭއިރު ތާވަލްގެ އެއްވަނަ ލިބޭނެއެވެ.