ވިޔަފާރި

ދިރާގު - ދިވެހިންގެ ގުޅުން ބަދަހިކުރުމުގައި 33 އަހަރު


ރާއްޖޭގެ މުއާޞަލާތީ ސިނާއަތް ފަށައިދިން ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް، ދިރާގުގެ ގައުމީ ޚިދުމަތުގައި 33 ވަނަ މިވަނީ ފުރިފައެވެ. ދިރާގަކީ ރާއްޖޭގެ އެންމެ ފުރަތަމަ މުވާސަލާތީ ޙިދުމަތް ފޯރުކޮށްދޭން ފެށި ކުންފުންޏަށްވާއިރު ރަސްމީކޮށް ދިރާގުގެ ޙިދުމަތް ދޭންފެށީ 1988 ވަނަ އަހަރުއެވެ. ދިރާގުގެ ހިދުމަތަށް 33 އަަހަރު ފުރުން ފާހަގަކުރަމުންދާއިރު، ދިރާގުގެ 99 އިންސައްތައަކީ ދިވެހި މުވައްޒަފުންކަން ފާހަގަކޮށްލެވެއެވެ.

ދިރާގުގެ 33 ވަނަ އަހަރު މިއަދު ފާހަގަކުރަމުން މިދަނީ މުޅި ދުނިޔޭގެ އިޤްތިޞާދަށްވެސް ހީނަރުކަން އައިސްފައިވާ ދަނޑިވަޅެއްގައެވެ. މި ދަނޑިވަޅުގައިވެސް ދިރާގުން ވަނީ ޤައުމީ ކުންފުނީގެ ހައިސިއްޔަތުން ނަމޫނާ ދައްކާފައެވެ. ކޯވިޑް19ގެ ހާލަތުގައި ދިރާގުން ވަނީ މުޖުތަމަޢަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ރައްޔިތުންނަށް ފޯރުކޮށްދޭ އިންޓަނެޓްގެ އަގުހެޔޮކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިރާގުން ފޯރުކޮށްދޭ ހޯމް ބްރޯޑްބޭންޑު ޙިދުމަތާއި، މޮބައިލް އިންޓަނެޓް ޕެކޭޖްތަކުގެ އަގުތައްވެސް ވަނީ ހެޔޮކޮށްފައެވެ.

މީގެ އިތުރުން، އިންޓަނެޓަށް ބާރޯސާވެފައިވާ މިންވަރާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ދިރާގުން ވަނީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ނެޓްވޯކް ކޮލިޓީ ދަމަހައްޓަން އިންވެސްޓްމެންޓްތައް އިތުރުކޮށްފައެވެ.

ދިރާގުގެ ޙިދުމަތަށް 33 އަހަރުފުރުމުގެ މުނާސަބަތުގައި އެކުންފުނީގެ ސީއީއޯ އަދި އެމްޑީ، އިސްމާއިލް ރަޝީދު ވިދާޅުވީ، އެކުންފުނިން ހޯދަމުންދާ ކާމިޔާބީގެ ސަބަބަކީ މުވައްޒަފުންގެ ބުރަ މަސައްކަތާއި ޤައުމީ ލޯބި ކަމަށެވެ. އަދި ކަސްޓަމަރުންގެ ތަރުޙީބަކީވެސް އެކުންފުންޏަށް އިތުރު ކުރިިއެރުން ލިބޭ ސަބަބެއްކަމަށް ސީއީއޯ ވިދާޅުވިއެވެ. ދިރާގުގެ ޚިދުމަތްތައް ކުރިއަރުވަން ކުރާ މަސައްކަތުގެ ދަށުން ވަނީ ރާއްޖޭގެ އެއްކޮޅުން އަނެއް ކޮޅަށް ސަބްމެރިން ކޭބަލްއެއް އަޅާފައިވާއިރު އިންޓަރނެޓްގެ ސްޕީޑުގެ ހަލުވި ކުރުމަށް ދެވަނަ ސަބްމެރިން ކޭބަލްއެއްވެސް ވަނީ އަޅާފައިކަން ސީއީއޯ އިސްމާއިލް ރަޝީދު ފާހަގަކުރެއްވިއެވެ.

"މުޅި ރާއްޖޭގެ އާބާދީގެ 80%އަށް ދިރާގުގެ ފައިބަރ އިންޓަރނެޓްގެ ޙިދުމަތާއި ދިރާގު ޓީވީގެ ޙިދުމަތްވަނީ ދެވިފައި، އިންޓަރނެޓްގެ ސްޕީޑު ހަލުވިކޮށް ފެންވަރު ރަނގަޅު ކުރުމަށް ރާއްޖެ ދުނިޔެއާއި ގުޅޭލުމަށް ދިރާގުގެ ބޮޑު ހިއްސާއަކާއި އެކު، 2 ވަނަ ސަބްމެރިން ކޭބަލް ސިސްޓަމެއް ވަނީ ޤާއިމްކުރެވިފައި،" ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

މުއާޞަލާތީ ރޮނގުން މުޅި އޭޝިއާ ސަރަޙައްދަށް ބެލި ނަމަވެސް ރާއްޖެ އަންނަނީ ކުރިއަރާފައިވާ އެހެން ގައުމުތަކާ އެއް ސަފެއްގައި ވާދަކުރަމުންނެވެ. އެގޮތުން އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީތައް ރާއްޖެއަށް ތައާރަފްކޮށް ދަނީ ބޭނުންކުރަމުންނެވެ.

ދިރާގަކީ ހަމައެކަނި މުއާޞަލާތީ އަދި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެއް ނޫނެވެ. ދިރާގުގެ އިޖުތިމާޢީ ޒިންމާ ނުވަތަ "ސީ.އެސް.އާރް"ގެ ދަށުން ދަނީ ކުޑަކުދިންނާއި، ޒުވާނުން ބާރުވެރިކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މުޖްތަމަޢުގެ ގުޅުން ދެމެހެއްޓުމަށް ތަފާތު އެކި މަސައްކަތްތައް ދިރާގުން ކުރަމުންދާކަންވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން ޤައުމީ އެކި ކަންކަމާއި ރައްޔިތުންނަށް އެހީތެރިކަން ބޭނުންވާ ވަގުތު އެފަދަ އެހީތެރިކަން ދިރާގުގެ ފަރާތުން އަބަދުވެސް ދަނީ ފޯރުކޮށްދެމުންނެވެ.

ދިރާގަށް މިއަދު 33 އަހަރު ފުރިފައިވާއިރު، ކުރިއަށް އޮތްތަނުގައިވެސް ސަރުކާރުން މުއާޞަލާތީ ތަރައްޤީއަށް ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އަދި ސަރުކާރުގެ ސިޔާސަތު ފުރިހަމަކޮށްދިނުމުގައި ދިރާގު ދެމި އޮންނާނެކަމުގެ ޔަޤީންކަން އެ ކުންފުނިން ދެއެވެ.