ޚަބަރު

އިތުރު 1000އަށްވުރެ ގިނަ މީހުން ކޯވިޑް ވެކްސިން ފުރިހަމަކޮށްފި


ކޯވިޑުން ދިފާޢުވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ޤައުމީ ވެކްސިން ޕްރޮގްރާމުގެ ތެރެއިން އިތުރު 1000އަށްވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފިއެވެ. އެޗްޕީއޭއިން ވަނީ، ވެކްސިންގެ 2 ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން ބަލިޖެހުން ނުރައްކާ ބޮޑު މީހުންނަށް އަންނަ އާދީއްތަ ދުވަހުންފެށިގެން ބޫސްޓަރ ޑޯޒްއެއް ދިނުމަށް ނިންމާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު މިހާރު ވަނީ 339،000އިން މައްޗަށް އަރާފައެވެ.

އެޗްޕީއޭއިން އެންމެފަހުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ހޯމަ ދުވަހު 1،082 މީހުން ވަނީ ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 405 މީހުންނާއި އަތޮޅުތަކުން ވެކްސިން ފުރިހަމަކުރި 677 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 339،481އަށް އަރާފައެވެ.

ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް ހޯމަދުވަހު 171 މީހުން ޖަހާފައިވެއެވެ. އެއީ މާލެ ސަރަޙައްދުން ފުރަތަމަ ޑޯޒް ޖެހި 85 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 86 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދުވަނީ 392،315އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމާއި އެސްޓްރާޒެނަކާ ވެކްސިން ޖަހަމުން އަންނައިރު، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށާއި އެޗްޕީއޭއިން ކަނޑައަޅާފައިވާ ޚާއްސަ ކެޓަގަރީތަކުގެ މީހުންނަށް މިހާރުދަނީ ފައިޒާ ވެކްސިން ޖަހަމުންނެވެ. ކޯވިޑް-19އިން ރައްކާތެރިވުމަށް ސްކޫލް ކުދިންގެ ތެރެއިން ޢުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށިތާ މަހެއް ވެފައިވާއިރު 27،697 ކުދިން ވަނީ ދެ ޑޯޒާއެކު ވެކްސިން ފުރިހަމަކޮށްފައެވެ.

މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ޙަރަކާތްތެރިވެއެވެ. މީގެ އިތުރުން އަތޮޅުތެރޭގެ 176 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހާދެމުންނެވެ.

ވެކްސިން ޕްރޮގްރާމް ރާއްޖޭގައި ބާރަށް ކުރިއަށްދާއިރު، އެޗްޕީއޭއިން ވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ވެކްސިންގެ 2 ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން ބަލިޖެހުން ނުރައްކާ ބޮޑު މީހުންނަށް ބޫސްޓަރ ޑޯޒްއެއް ދިނުމަށް ނިންމާފައެވެ. އެޗްޕީއޭއިން ވިދާޅުވީ ބޫސްޓަރ ޑޯޒް ޖެހުމުގައި އުމުރުން 60 އަހަރު މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް އިސްކަންދޭނެކަމަށެވެ. އަދި މި ވަގުތު ވެކްސިންގެ ބޫސްޓާ ޑޯޒެއްގެ ގޮތުގައި ޖެހުމަށް ހަމަޖައްސާފައިވަނީ ފައިޒާ ވެކްސިން އެކަނިކަމަށްވެސް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.