ކުޅިވަރު

ލަންކާ ބަލިކޮށް، މުބާރާތުގެ ފުރަތަމަ މޮޅު ބަންގާޅަށް


ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ފުރަތަމަ މެޗު ކާމިޔާބުކޮށް ބަންގްލަދޭޝްއިން ފެށުން ރަނގަޅު ކޮށްފިއެވެ.

މިއަދު ހަވީރު ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި، މުބާރާތުގެ ފުރަތަމަ މެޗު، ސްރީލަންކާއާއި ވާދަކޮށް، ބަންގްލަދޭޝް ކާމިޔާބް ކޮށްފައިވަނީ 1-0 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ގޮސްފައިވަނީ ވަރަށް އާދައިގެ ކުޅުމެކެވެ. ފުރަތަމަ ހާފުގެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އިތުރު ވަގުތުގެ 45 ވަނަ މިނިޓްގައި ބަންގްލަދޭޝް ޓީމަށެވެ. ނަމަވެސް މި ހަމަލާ ލަންކާގެ ތަޖުރިބާކާރު ކީޕަރު ސޫޖަން ވަނީ ހުށިޔާރު ކަމާއިއެކު ދިފާއު ކޮށްފައެވެ.

މެޗުގެ ދެވަނަ ހާފު ދެޓީމުންވެސް ފެށީ ބަދަލަކުންނެވެ. ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ގޯލަށް އަމާޒުކޮށް ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރިތަން ފެނުނެވެ. މެޗުގައި ފެނުނު ހަމައެކަނި ގޯލު ބަންގްލަދޭޝް އިން ކާމިޔާބް ކުރީ 54 ވަނަ މިނިޓްގައި އެޓީމަށް ލިބުނު ޕެނެލްޓީއަކުން ޑިފެންޑަރު ޓޯޕޫއެވެ. މި ޕެނަލްޓީއަކީ ލަންކާގެ ޑިފެންޑަރެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއަކުން ކާމިޔާބު ކުރި ގޯލެކެވެ.

ބަންގްލަދޭޝްގެ ގޯލާއެކު ލަންކާއިން ވަރަށް ބޮޑަށް ކުރިއަށްޖެހި، ގިނަ ހަމަލާތަކެއް އުފެއްދުމަށް ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް ލަންކާއަށް އިތުރު ހުރަހެއް މެޗުގައި ދިމާވީ 60 ވަނަ މިނިޓްގައި ޑިފެންޑަރ ދަކްޝަންއަށް ދެވަނަ ރީދޫ ކާޑާއިއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. މެޗުގައި ބަންގްލަދޭޝްއަށް ނަތީޖާގެ ފަރަގު ބޮޑުކޮށްލަންވެސް ހަނި ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. މިމެޗުގައި ވަނީ ގިނަ ކާޑުތަކެއް ފެނިގެން ގޮސްފައެވެ.

އުރީދޫ ސާފް ޗެންޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ރަސްމީކޮށް ހުޅުވުމާއި، ދިވެހި ޤައުމީ ޓީމު ކުޅޭ ފުރަތަމަ މެޗު މިރޭ އޮންނާނެވެ. މިރޭ 9 ޖަހާއިރު ފަށާ މެޗުގައި ރާއްޖެ ވާދަކުރަންޖެހެނީ ނޭޕާލްއާއިއެވެ. މިމެޗުން މޮޅުވެ މުބާރާތުގެ ތަށި ދިފާއުކުރުމަކީ ދިވެހި ޓީމުގެ އަމާޒެވެ.