ޚަބަރު

މީޑިއާތަކުން އަމީން ކުށްވެރިއެއްގެ ގޮތުގައި ދެއްކުމަކީ ކުށެއްކަމުގައި ބެލެވޭނެ!


ޓެރަރިޒަމްގެ ތުހުމަތުކުރެވިފައިވާ އަދި ސުޕްރީމް ކޯޓުގައި މައްސަލައެއް ހިންގަމުންދާ މުހައްމަދު އަމީންއަކީ ކުށްވެރިއެއްގެ ގޮތުގައި ދެއްކުމަށް އެއްވެސް ފަރާތަކުން މަސައްކަތްކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގައި ބެލެވޭނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން އަންގަވައިފިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން މިގޮތަށް އަންގަވާ އަމުރު ނެރެފައި މިވަނީ، އަމީންއަކީ ޓެރަރިސްޓް ޖަމާއަތްތަކާއި ގުޅުން އޮންނަ މީހެއްކަން ދައްކައިދޭން މީޑިއާއަކުން މަސައްކަތްކުރާކަމަށް ބުނެ އަމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި ޝަކުވާ އުފުލުމުންނެވެ.

އަމީންގެ ޝަކުވާއާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުއްވި އަމުރުގައި ވަނީ ޖިނާއީ ކުށެއް ކުރިކަމުގެ ދައުވާ އެމީހެއްގެ މައްޗަށް އުފުލިފައިވާ ކޮންމެ ފަރާތަކީ ކޯޓުން އެމީހެއްގެ މައްޗަށް ކުށް ސާބިތުވުމުގެ ކުރިން ކުށެއް ނެތް މީހެއްކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާ މީހެއްކަމަށެވެ. އަދި ސުޕްރީމް ކޯޓުގައި ހިނގަމުންދާ މުޙައްމަދު އަމީންގެ މައްސަލައާ ގުޅިގެން ޚިޔާލު ފާޅުކުރާ ފަރާތްތަކުންނާއި ޚަބަރު ފެތުރުމުގެ ތެރޭގައި، މައްސަލައިގެ މައުޟޫއަށް ކޯޓުން ވަކިގޮތަކަށް ނިންމުމުގެ ކުރިން، ގާނޫނުއަސާސީގައި ބަޔާންވެގެންވާ ހައްގަށް އެއްވެސް އުނިކަމެއް އަންނާނެ މޭރުމަކުން މައްސަލައިގެ ހަސްމު ތަސައްވަރުކޮށްދިނުމުގެ ގޮތުން އެއްވެސް ހިޔާލެއް ފާޅުކުރުމަކީ ނުވަތަ ހަބަރެއް ގެނެސްދިނުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމުގައި ބެލެވޭނެކަމެއްކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައިވެއެވެ.

ޓެރަރިސްޓް ޖަމާޢަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ ޢަމަލެއް ހިންގަން ރޭވުމުގެ ތުހުމަތުކުރެވޭ މުޙައްމަދު އަމީންގެ މައްޗަށް ޕީޖީ އޮފީހުން ދަޢުވާކޮށްފައިވަނީ މުއްދަތު ހަމަވި ފަހުންކަމަށް ކަނޑައަޅައި, އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ހައިކޯޓުން ބާޠިލްކުރި މައްސަލަ ސުޕްރީމް ކޯޓްގައި ޕްރޮސެކިއުޓަރ ޖެނެރަލް ވަނީ އިސްތިއުނާފްކޮށްފައެވެ. އަމީން ދޫކޮށްލި މައްސަލަ ޕީޖީން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު ހައިކޯޓުން ވަނީ އަމީންގެ މައްޗަށް މޮނިކޮން އަމުރެއް ނެރެފައެވެ.