ޚަބަރު

މޮޅުވާ ކޮންމެ މެޗަކަށް ބޯނަސް ހަދިޔާއެއް ދެއްވަން ރައީސް ނިންމަވައިފި


ސާފް ޗެމްޕިއަންޝިޕްގެ ފުޓްބޯޅަ މުބާރާތުގައި ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން މޮޅުވާ ކޮންމެ މެޗަކަށް ބޯނަސް ހަދިޔާއެއް ދިނުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސާލިހު މިހެން ވިދާޅުވީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ކުރިން ޤައުމީ ފުޓްބޯޅަ ޓީމާއި ބައްދަލުކުރެއްވުމަށް މިއަދު މެންދުރުފަހު ހޮޓެލް ޖެންގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ޤައުމީ ފުޓްބޯޅަ ޓީމާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ދެއްކެވި ވާހަކަފުޅުގައި ކުޅުންތެރިންނަށް ހިތްވަރުދިނުމުގެ ގޮތުން މުބާރާތް ކާމިޔާބުކުރުމުން ސަރުކާރުން ދެމުން އައި އިނާމުގެ ފައިސާގެ ޢަދަދު ބޮޑުކުރައްވާފައިވާކަމުގައި ވިދާޅުވެފައެވެ. އަދި އިތުރު ހިތްވަރެއްގެ ގޮތުން މޮޅުވާ ކޮންމެ މެޗަކަށް ބޯނަސް ހަދިޔާއެއް ދިނުމަށް ނިންމާފައިވާކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިން ތިބީ ޤައުމީޓީމާއެކު ތިން ވަނަ ފަހަރަށް ސާފް ޗެންޕިއަންޝިޕް ކާމިޔާބުކުރުމަށްކަމަށެވެ. އަދި ރާއްޖެއަކީ ފުޓުބޯޅައަށް ލޯބިކުރާ ޤައުމެއްކަމަށާއި، ދިވެހިންގެ އުންމީދުތައް ގުޅިފައިވަނީ ދިވެހި ފުޓްބޯޅަ ޓީމު މި މުބާރާތް ކާމިޔާބުކުރުމުގެ މައްޗަށްކަމުގައި ރައީސް ވިދާލުވިއެވެ.

މި ސަރުކާރު ވެރިކަމާއި ހަވާލުވީއްސުރެ އެއްވެސް ކުޅިވަރެއް ބާކީ ނުކޮށް ކުޅިވަރުތަކާއި ކުޅިވަރު އިންފްރާސްޓްރަކްޗަރތައް ތަރައްޤީކުރުމަށް އިސްކަންދެއްވާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޤައުމީ ފުޓްބޯޅަ ދަނޑު ބޭނުންވާ ޚިދުމަތްތަކާއެކު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެބައޮތްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް-19 ގެ ސަބަބުން އެހެން ހުރިހާ ކަމަކަށް އަސަރުކުރި ފަދައިން ފުޓްބޯޅައަށް ވެސް އޭގެ އަސަރުކޮށްފައިވާ ކަމުގައި ވިދާޅުވެ، މި ލިބުނު ކުޑަ މުއްދަތު ތެރޭގައި ޤައުމީ ޓީމު މި މުބާރާތަށް ރަނގަޅަށް ތައްޔާރުވެފައިވާކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

މާދަމާ ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ހިމެނޭހެން 5 ޤައުމަކުން ވާދަކުރާއިރު މި މުބާރާތް ކުރިއަށްދަނީ އޮކްޓޫބަރުމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރާއްޖެއިން ވަނީ 2008 އަހަރާއި، 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް މުބާރާތް ކާމިޔާބުކޮށްފައެވެ.