ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވައްސަށް މާދަމާ ބަހުގެ ޚިދުމަތް ފަށަނީ


ހުޅުމާލެ ދެވަނަ ފިޔަވައްސަށް މާދަމާ ބަހުގެ ޚިދުމަތް ފަށަން ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީން ބަހުގެ ޚިދުމަތް ދޭން ނިންމާފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހިން 2 ވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދަށެވެ.

އެމްޓީސީސީން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އުޅެމުން އަންނަ މީހުންނަށް ދަތުރުފަތުރުކުރުމުގައި މިހާރު ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ބަހުގެ ޚިދުމަތް މާދަމާ ފެށުމަށް ނިންމާފައިވާކަމަށެވެ. ނަމަވެސް އެމްޓީސީސީން ވިދާޅުވީ މާލެއިން ސީދާ ހުޅުމާލެ ދެވަނަ ފިޔަވައްސަށް ދަތުރުތައް ނޯންނާނެކަމަށެވެ. އަދި ދެވަނަ ފިޔަވައްސަށް ބަސް ދަތުރުތައް އޮންނާނީ ހުޅުމާލެ ފުރަތަމަ ފިޔަވަހިންކަމަށާއި، އެގޮތުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ދެމުން އަންނަ ބަހުގެ ޚިދުމަތް ފުޅާކޮށް އެ ހިދުމަތް ދެވަނަ ފިޔަވައްސަށް ފެށުމަށް ބަސް ރޫޓަށް ވަނީ ބަދަލުތައް ގެނެސްފައިކަމަށް އެމްޓީސީސީން ބުނެއެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހިން ދެވަނަ ފިޔަވައްސަށް ދިޔުމަށްޓަކައި ބަސް ދަތުރަކަށް ކަނޑައަޅާފައިވަނީ 5 ރުފިޔާއެވެ.

އެމްޓީސީސީން ވިދާޅުވީ ފޭސް އެކަކާއި ފޭސް ދޭއް ގުޅުވައިދޭ މި ބަސް ރޫޓުން އެކި ބަސް ސްޓޮޕްތަކަށް މަޑުކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ވެސްޓް ޕާކް ރޫޓާއި ކާނިވާ ރޫޓު އަދި ވީއައިއޭ ބަސް ރޫޓާއި ހުޅުމާލޭ ނެއިބަހޫޑު، 1، 2، 3 ހިމެނެއެވެ.

މިގޮތުން ކޮންމެ ދުވަހަކުވެސް ބަހުގެ ހިދުމަތް ފަށާނީ ފަތިހު 5:45 ގައެވެ. އަދި ބަހުގެ އެންމެ ފަހު ދަތުރު ކޮންމެ ރެއަކު ވެސް އޮންނާނީ 11:45 ގައެވެ. ހުކުރު ދުވަހުގެ މެންދުރު 12:15 އިން 1:15 އަށް ބަހުގެ ހިދުމަތް މެދުކަނޑައިލިނަމަވެސް އެ ދުވަހު ވެސް ކޮންމެ 30 މިނެޓަކުން 30 މިނެޓަކުން ބަސްތައް ދަތުރުކުރާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

އެމްޓީސީސީން ވިދާޅުވީ އަމާޒަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމެވެ. އެ ހިދުމަތް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް އިތުރު ބަސްތަކެއް ގެނައުމަށް ނިންމާފައިވާކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަހުގެ ޚިދުމަތް ފެށުމަށް ނިންމާފައިވަނީ އެ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށިއިރު، ޕަބްލިކް ޓްރާންސްޕޯޓް ނެތުމުން ޝަކުވާތައް އިތުރުވެފައި ވަނިކޮށެވެ. މަދަމާ ބަހުގެ ޚިދުމަތް ފަށާއިރު އެޗްޑީސީން ވަނީ ހިޔާ ފްލެޓްތައް ކައިރި ސަރަޙައްދުގައި ބަސް ސްޓޮޕްތައްވެސް ޤާއިމްކޮށްފައެވެ.