ޚަބަރު

ސޫރިޔާގެ ސަރުކާރު ބަލައިގަތުމަށް އެމެރިކާއިން ދެކޮޅު


ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރު ބަލައިގަނެ އެ ޤައުމާ އޮންނަ ގުޅުން ބަދަހިކުރުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް އެމެރިކާއިން ބުނެފިއެވެ.

2011ވަނަ އަހަރުގެ ތެރޭގައި ފެށުނު ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި އެ ޤައުމުގެ ރައީސް ބައްޝާރުވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައެވެ. އެ ގޮތުން އީރާނާއި ރަޝިޔާގެ އަސްކަރީ އެހީތެރިކަމާއެކު ސޫރިޔާގެ ގިނަ ސަރަޙައްދުތަކެއްވަނީ ބައްޝާރުގެ ސަރުކާރުގެ ބާރުގެ ދަށަށް ގެނެސްފައެވެ. އެއާއެކު އަވަށްޓެރި ޢަރަބި ޤައުމުތަކުންވަނީ ބައްޝާރުގެ ވެރިކަން ބަލައިގަނެ އެ ޤައުމާއެކު އޮންނަ ގުޅުންތައް ބަދަހިކުރަން ފަށައިފައެވެ. އޭގެ ތެރޭގައި ސަރަޙައްދީ ރޮނގުތައް ހުޅުވާލައި އިޤްތިޞާދީ ޙަރަކާތްތައް ފެށުން ހިމެނެއެވެ. އެ ޤައުމުތަކުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާއާއި އުރުދުންފަދަ ޤައުމުތައްވެސް ހިމެނެއެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި ސޫރިޔާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި ބައްޝާރުވަނީ 95 އިންސައްތައަށްވުރެ ގިނަ ވޯޓު ހޯއްދަވައި ރިޔާސީ ހަތަރުވަނަ ދަޢުރަކަށް އިންތިޚާބުވެވަޑައިގެންފައެވެ. އެއާއެކު ވެރިކަމުގައި އިތުރު 7 އަހަރު ދެމިހުރުމުގެ ފުރުޞަތުވަނީ އޭނާއަށް ލިބިވަޑައިގެންފައެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ އެ ޤައުމުން ބައްޝާރުގެ ސަރުކާރު ބަލައިގަނެ ގުޅުންތައް ބަދަހިކުރުމަށް ބޭނުންނުވާކަމަށާއި އެހެން ޤައުމުތަކުންވެސް އެ ގޮތަށް ޢަމަލުކުރުމަށް އެމެރިކާއިން ބޭނުންނުވާކަމަށެވެ. ސަބަބެއްގެ ގޮތުގައި އެމެރިކާއިން ދެއްކީ ބައްޝާރުގެ އަނިޔާވެރި ވެރިކަމުގައި ބިކަ ޙާލުގައި ޖެހިފައިވާ ސޫރިޔާގެ ޢާއްމު ރައްޔިތުންގެ ނިކަމެތި ޙާލަތެވެ. އެއީ އެމެރިކާގެ ރައީސްގެ މަޤާމަށް ޖޯ ބައިޑަން ވަޑައިގެންނެވިފަހުން ސޫރިޔާއާ ގުޅޭގޮތުން ހަރުކަށި ނިންމުންތަކެއް ޢާއްމުކުރެއްވި ފުރަތަމަ ފަހަރެވެ.

2012ވަނަ އަހަރުގެ ތެރޭގައި އެމެރިކާއިންވަނީ ސޫރިޔާގައި ހުންނަ އެ ޤައުމުގެ އެންބަސީ ބަންދުކޮށްފައެވެ.