ކުޅިވަރު

ބާސެލޯނާ ޖެހިޖެހިގެން ދެވަނަ މެޗުން ބަލިވެއްޖެ


ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް އީ ގައި ބެންފިކާ އާއި ބާސެލޯނާ ބައްދަލުކުރިމެޗް ފަސޭހަ ކަމާއެކު ބެންފިކާ ކާމިޔާބުކޮށްފިއެވެ. ބެންފިކާގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ހީކުރިވަރަށް ވުރެ ފަސޭހަ ކަމާއެކު 3 ލަނޑު ސުންލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 3 ވަނަ މިނެޓްގައި ޖަހާފައިވަނީ ބެންފީކާގެ ޑާރވިން ނޫނޭޒްއެވެ. އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 69 ވަނަ މިނެޓްގައި ރަފާ ސިލްވަރ ކާމިޔާބުކުރިއިރު ފަހު ލަނޑު މެޗްގެ 79 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ވެސް ފުރަތަމަ ލަނޑު ޖަހާދިން ނޫނޭޒްއެވެ. މިއީ ބާރސާގެ ތާރީޚުގައި ޗެމްޕިއަންސް ލިގުގެ މުބާރާތެއްގައި ކުޅުނު ފުރަތަމަ ދެމެޗުން ބަލިިވި ފުރަތަމަ ފަހަރެވެ. ބަރސާ ވަނީ ފުރަތަމަ މެޗުގައި ބަޔާން އަތުންވެސް ހަމަ މިނަތީޖާއިން ބަލިވެފައެވެ. މިމެޗްގައި ބާރސާއަށް ބެންފީކާގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ. އަދި މެޗް ނިމެން 3 މިނެޓަށް ވެފައިވަނިކޮށް ބާރސާގެ އެރިކް ގާސިއާއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ބާރސާގެ ކޯޗް ރޮނާލްޑް ކޫމަން ވަނީ މިހާރު ޓީމާއި ކުރީގެ ޓީމް ތަކާއި އަޅާކިޔަން ދެކޮޅު ހަދާފައެވެ. އަދި ކުޅުންތެރިންގެ ފަރާތުން އޭނާއަށް ފުރިހަމަ ތާއީދު އޮތް ކަމަށާއި އެކުޅުންތެރިން އަންނަނީ ރަނގަޅަށް މަސައްކަތް ކުރަމުން ކަމުގައި އޭނާ ބުންޏެވެ.

މިނަތިޖާގެ ސަބަބުން މިވަގުތު ބާރސާ މިއޮތީ ގްރޫޕްގައި މިހާތަނަށް ކުޅުނު ދެމެޗްގައި ލަނޑެއް ނުޖެހި ބައިކޮޅަށް 6 ލަނޑު ވަދެ ޕޮއިންޓެއް ނުލިބި ތާވަލްގެ ފުލުގައެވެ. އަދި ދެން އޮތް މެޗްގައި ޑީނަމޯ ކިޔެވް އަތުން މޮޅު ނުވެވިއްޖ ނަމަ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ގެއްލިދާނެކަމުގެ ބިރު މިހާރު އެޓީމަށް އެބައޮތެވެ.