ކުޅިވަރު

އެންމެ ފަހުގެ ޗެންޕިއަން ޗެލްސީ ބަލިވެއްޖެ


ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް އެޗްގައި އެންމެފަހުގެ ޗެމްޕިއަން ޗެލްސީ އާއި ޔުވެންޓަސް ބައްދަލުކުރިމެޗް ޔުވެންޓަސް ކާމިޔާބުކޮށްފިއެވެ. ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމު ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި އަދި އެހާމެ ފޯރި ގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ. މިގޮތުން މިސީޒަންގައި އަދި މުޅިން ފޯމަކަށް އެޅިފައިނުވާ ޔުވެންޓަސްއިން އަމިއްލަ ދަނޑުގައި ކުޅުނު ނަމަވެސް ބޮޑަށް ބެލީ ރަނގަޅަށް ޑިފެންޑްކޮށް ލިބޭ ފުރުސަތުގައިކުގައި ކައުންޓަރ އެޓޭކް ކުރާށެވެ. މިގޮތުން ފުރަތަމަ ހާފްގައި ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ކައުންޓަރ އެޓޭކްގައި އެޓީމަށް ލިބުނު ނަމަވެސް އެފުރުސަތުގެ ބޭނުމެއް ހިފޭގޮތެއް ނުވިއެވެ. އަދި ޗެލްސީއިން ގިނަ ހަމަލާ އުފެއްދި ނަމަވެސް ޔުވެންޓަސްގެ ޑިފެންސް ވަރުގަދަކަމުން އެޓީމަށް ވެސް ދިޔައީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފިއެވެ. މިމެޗްގައި ޔުވެންޓަސްއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ ދެވަނަ ހާފްގެ ކުޅުން ފެށިތާ 10 ސިކުންތުގެ ތެރޭގައި ޖަހައި ލީޑު ނަގައިދިނީ ފެޑެރީކޯ ކިއޭޒާއެވެ. އަދި އެޓީމުގެ ލީޑު ފުޅަކުރުމަށް ފެޑެރީކޯ ބަރނަޑޭޝީއަށް ރަނަގަޅު ފުރުސަތެއް ލިބިބޭކާރުވިއެވެ. މިމެޗުގައި ޗެލްސީގެ ރޮމެލޫ ލުކާކޫއަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތު ދެވަނަ ހާފްގައި ލިބިގެންދިޔަ ނަމަވެސް އޭނާ ފޮނުވާލި ދެ ހަމަލާވެސް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.

މިއީ ޗެލްސީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ. ޗެލްސީވަނީ ހަމަ މިނަތީޖާއިން މިދިޔަ ހަފްތާ ބަންދުގައި މެންޗެސްޓަރ ސިޓީއަތުން ވެސް ބަލިވެފައެވެ.

މިކާމިޔާބީއާއެކު ޔުވެންޓަސް ކުޅުނު ދެމެޗުން މޮޅުވެ އެޓީމް އުޅެނީ ލިބިފައިވާ ހަޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި ޗެލްސީ އޮތީ ދެމެޗުން ލިބިފައިވާ 3 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. މިގްރޫޕްގައި ޒެނިތު ސެއިންޓް ޕީޓަރސްބަރގް އާއި މަލްމޯ ބައްދަލުކުރިމެޗް 4 ލަނޑު ސުންލަނޑުން ކާމިޔާބުކޮށް ޒެނިތު ވެސް މިހާރު ވަނީ ދެމެޗުން ތިން ޕޮއިންޓް ހޯދާފައެވެ.