ކުޅިވަރު

އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ކުލަވަރު މާލެ ތެރެއިން ފެންނަން ފަށައިފި


އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ފޯރި ގަދަކުރުމަށް މާލެ ތެރޭގައި ހަރާކާތްތައް ހިންގަން ފަށައިފިއެވެ. ހުކުރު ދުވަހު ފަށާ ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތަކީ ރާއްޖެއަށް ވަރަށް ހާއްސަ މުބާރާތެކެވެ. އެއީ މީގެ ކުރިން 2008ވަނަ އަހަރު ރާއްޖެއިން މުބާރާތް ބާއްވާފައިވަނީ އަވަށްޓެރި ސްރީލަންކާއާއި ގުޅިގެންނެވެ. ނަމަވެސް މިފަހަރުގެ މުބާރާތް ކުރިއަށް ގެންދާނީ ހަމައެކަނި މާލޭގައެވެ. އަދި މިއީ ކޯވިޑް-19ގެ ޕެންޑެމިކްގެ ތެރޭގައި ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑު މުބާރާތެވެ.

އެފްއޭއެމްއިން މިމުބާރާތުގެ ފޯރިގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މާލެ ތެރޭގެ އެކި ހިސާބުތަކުގައި މުބާރާތުގެ ފޯރި އިތުރުކުރުމަށް ބެނާތަކާއި ބިލްބޯޑުތައް މިހާރުވަނީ ހަރުކޮށްފައެވެ. އަދި ބައެއް ސަރަހައްދު ތަކުގައި ދިދަ ދަމާފައިވާއިރު، ބޯޑްތަކާއި ދިދަފަތިތައް ވެސް އެކި ސަރަހައްދުތަކުގައި ދަމަމުންދާނެކަމަށް އެފްއޭއެމްއިން މަޢުލުމާތު ދެއެވެ. މިމުބާރާތް ޕްރޮމޯޓު ކުރުމަށް އެފްއޭއެމްއިން މަސައްކަތް ކުރަމުންދާއިރު، ފުރަތަމަ ޑިވިޝަންގެ ބައެއް ކުލަބްތަކުން ވެސް ވަނީ މުބާރާތް އިތުރަށް ޕްރޮމޯޓް ކުރުމުގެ މަސައްކަތް ފަށާފައެވެ.

އޮކްޓޯބަރު އެއްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ނޭޕާލް އާއި ދިވެހިރާއްޖެއެވެ. ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހުގެރޭ ކުޅޭނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އޭގެ ތިން ދުވަސް ފަހުން އޮކްޓޫބަރު 10 ވަނަ ދުވަހު ހަވީރު ސްރީލަންކާއާ ދެކޮޅަށް ކުޅުމަށް ފަހު 13 ވަނަ ދުވަހުގެރޭ ލީގު ބުރުގެ ފަހު މެޗުގައި ވާދަކުރާނީ އިންޑިއާއާއެވެ. ކުރިން 13 ވަނަ ދުވަހު ކުޅެން ޝެޑިއުލްކުރި ފައިނަލް މެޗު މިހާރު އޮންނާނީ އޮކްޓޫބަރު މަހު 16 ވަނަ ދުވަހުގެރޭގައެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅެނީ ފަސް ގައުމެވެ. އެއީ ރާއްޖެ، ނޭޕާލް، އިންޑިއާ، ބަންގްލަދޭޝް އަދި ސްރީލަންކާއެވެ. ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުން ޕާކިސްތާން މި ފަހަރުގެ މުބާރާތުގައި ނުކުޅެއެވެ. ދަތުރުކުރުމުގެ ހުއްދަ ނެތުމުން ބޫޓާނުން ވެސް ވަނީ މުބާރާތުގައި ބައިވެރިނުވެވޭނެކަން އަންގައިފައެވެ.