ޚަބަރު

ކާކުކަން އަންގައިދޭ ލިޔެކިޔުންތަކުގެ މުއްދަތުހަމަވިޔަސް އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރެވޭނެ


މުއްދަތު ހަމަވެފައިވާ ކާކުކަން އަންގައިދޭ ލިޔެކިޔުންތައް، އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރެވޭ ގޮތް ހަމަޖައްސައިފިއެވެ.

އެމްއެންޑީއެފްގެ ޑިރެކްޓޮރޭޓް އޮފް ސެކިއުރިޓީ އެޑްމިނިސްޓްރޭޝަންއިން ނެރެފައިވާ ސަރކިއުލަރގަ ބުނެފައިވަނީ، ކޯވިޑްގެ ޙާލަތާ ގުޅިގެން އައިޑެންޓިފިކޭޝަންގެ ގޮތުގައި ބޭނުންކުރާ ލިޔެކިޔުންތައް ހޯދުމުގައި އަދިވެސް ދަތިތައް މެދުވެރިވާކަމުގެ މަޢުލޫމާތު ލިބެމުންދާކަމަށެވެ.

މިކަމަށް ލުޔެއް ހޯދައިދިނުމަށް، މުއްދަތު ހަމަވެފަވާ ޓްރެވަލް ޑޮކިއުމަންޓް ބޭނުންކޮށްގެން އެތެރޭގެ އުދުހުންތައް ކުރިއަށްގެންދިއުމުގެ އިންތިޒާމް މިހާރު ހަމަޖައްސާފަވާކަމަށެވެ.

އެގޮތުން މުއްދަތު ހަމަވެފައިވާ އައިޑީ ކަރޑް، ޕާސްޕޯޓް، ވަރކް ވިސާ ކަރޑް، ލައިސަންސް ކަރޑް، އެއަރޕޯޓް ސެކިއުރުޓީ ފާސް އަދި ސަރުކަރުގެ އިދާރާއަކުން ދޫކޮށްފަވާ ފޮޓޯ އަދި އައިޑީ ކަރޑް ނަންބަރުޖެހި ރަސްމީ ލިޔުން ބޭނުންކޮށްގެންވެސް އެތެރޭގެ ދަތުރުތައް ކުރެވޭނެއެވެ.

މީގެއިން ލިޔެލިޔުމެއްގެ މުއްދަތު ހަމަވެފައިވީނަމަވެސް އޭގައި ހިމެނޭ މަޢޫލޫމާތު ސާފުކޮށް އެނގޭނަމަ، ޓިކެޓް ނެގުމަށާއި، އެއަރލައިނަށް ޗެކްއިން ކުރުމަށާއި، ސެކިއުރިޓީ ޗެކްޕޮއިންޓަކުގައި އެ ޑޮކިއުމަންޓް ބޭނުންކުރެވޭނެއެވެ. އަދި އެމްއެންޑީއެފްގެ ޑިރެކްޓޮރޭޓް އޮފް ސެކިއުރިޓީ އެޑްމިނިސްޓްރޭޝަންއިން އަންގަންދެން، މުއްދަތު ހަމަވެފައިވާ ޑޮކިއުމަންޓްތައް ދަތުރުކުރުމަށް ބޭނުންކުރެވޭނެކަމަށް އެ އިދާރާއިން ބުނެއެވެ.

ކޮވިޑް19ގެ ޙާލަތާ ގުޅިގެން އެހެނިހެން ޚިދުމަތްތަކުގައިވެސް މުއްދަތު ހަމަވެފައިވާ އައިޑީ ކާޑް ބޭނުންކުރެވޭގޮތަށް ޑިޕަރޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންއިންވެސް ހަމަޖެއްސިއެވެ. އެގޮތުން ދަތުރުކުރުމާއި ޑޮކްޓަރަށް ދެއްކުމާއި އަދި ރަސްމީ ބޭނުމަށްވެސް މުއްދަތު ހަމަވެފައިވާ އައިޑީ ކާޑް ބޭނުންކުރެވޭނެ ނިޒާމެއް ހަމަޖެއްސިއެވެ. އެގޮތުން މިދިޔައަހަރު ކޮވިޑާ ގުޅިގެން އޮފީސްތައް ބަންދުކުރުމާއި ހަމައިން ފެށިގެން، މިއަހަރުގެ އޮގަސްޓްގެ ނިޔަލަށް ވަނީ އެ ހުއްދަ ދީފައެވެ.