ކުޅިވަރު

މެސީގެ ގޯލުން ޕީއެސްޖީ އިން ސިޓީ ބަލިކޮށްފި


ޕީއެސްޖީއަށް މެސީ ކާމިޔާބުކޮށްދިން ލަނޑުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއިން ފުރަތަމަ މޮޅު ހޯދައިފިއެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޕީއެސްޖީވަނީ އިންގްލެންޑްގެ މެންޗެސްޓާ ސިޓީ، ޕީއެސްޖީގެ އަމިއްލަ ދަނޑުގައި 2 ލަނޑު 0 ލަނޑުން ބަލިކޮށްފައެވެ.

ޕީއެސްޖީކޮޅަށް މެސީ ޖެހި މިގޯލަކީ ބާސެލޯނާ ދޫކޮށް މެސީ ޕީއެސްޖީއަށް ބަދަލް ވުމަށްފަހު ޖެހި ފުރަތަމަ ގޯލެވެ. މިއީ އިނގިރޭސި ޓީމު ކޮޅަށް ޗެމްޕިއަންސް ލީގުގައި މެސީ ޖެހި 27 ވަނަ ގޯލެވެ. މިމެޗްގައި ޕީއެސްޖީއިން ޖެހި ފުރަތަމަ ގޯލް މެޗްގެ ފުރަތަމަ ހާފްގައި އެޓީމަށް ޖަހައިދިނީ އިދްރީސާ ގާނާ ގޭއިއެވެ.

މެޗްގައި ޕީއެސްޖީއަށް ވުރެއް މޮޅަށް ކުޅެފައިވަނީ މެންޗެސްޓާ ސިޓީއިން ކަން ފާހަގަކޮށްލެވެއެވެ. ސިޓީއަށް މެޗުގައި ގޯލް ޖެހުމަށްވެސް ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ނަމަވެސް އެއްވެސް ފުރުސަތެއްގެ ބޭނުން ސިޓީއަށް ހިފޭ ގޮތެއް ނުވިއެވެ. މެޗްގެ ޕީއެސްޖީކޮޅަށް ގޯލެއް ޖެހުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ ސިޓީގެ ބެނާޑޯ ސިލްވާ އަށެވެ. ނަމަވެސް ބެނާޑޯ ސިލްވާއަށް ވެސް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފޭ ގޮތެއް ނުވިއެވެ. މެޗުގެ ދެވަނަ ހާފްގައި ޕީއެސްޖީގެ ލީޑް ފުޅާކޮށްދިނީ އެޓީމާއި އަލަށް ގުޅުނު މެސީއެވެ.

މި ދެ ޓީމް މިމެޗަށް ނިކުތްއިރު، މިމެޗް ހާއްސަ ވާވަރަށް ގިނަ ސަބަބުތައް ވެސް ހުއްޓެވެ. މިފަހަރުގެ ޓްރާންސްފަރގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވާ ދެ ޓީމެވެ. ޕީއެސްޖީ ސްކޮޑުގެ އަގަކީ 1.16 ބިލިއަން ޑޮލަރެވެ. ސިޓީގެ ސްކޮޑުގެ އަގަކީ 1.20 ބިލިއަން ޑޮލަރެވެ.