ކުޅިވަރު

ސާފް ޗެންޕިއަންޝިޕް: އެންމެ ގިނަވެގެން މީހަކަށް ވިއްކާނީ 5 ޓިކެޓް


އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ޓިކެޓް ވިއްކާއިރު، ކޮންމެ މީހަކަށް ގިނަވެގެން ފަސް ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާކަމަށް އެފްއޭއެމުން ބުނެފިއެވެ.

ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާއިރު، އެފްއޭއެމުން ބުނީ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ ކޯވިޑް-19ގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި ދަނޑަށް ވަންނަން އަންނައިރު، ކޮންމެ ފަރާތަކުންވެސް ކޯވިޑް-19ގެ ދެ ޑޯޒް ކޮށްފައިވާ ވެކްސިން ކާޑާއި އައިޑީ ކާޑު ވެސް ގެންގަން ޖެހޭނެކަމަށް އެފްއޭއެމްއިން ބުނެއެވެ.

ހުކުރު ދުވަހު ސާފް ޗެންޕިއަންޝިޕް ފެށުމަށް ހަމަޖެހިފައިވާއިރު، އެދުވަހު ހަވީރު ވާދަކުރާނީ ސްރީލަންކާ އާއި ބަންގްލަދޭޝް އަދި އެރޭ ބައްދަލުކުރާނީ ރާއްޖެ އާއި ނޭޕާލްއެވެ. އެފްއޭއެމުން ބުނީ ރާއްޖެ މެޗުގެ ޓިކެޓް ވިއްކާނީ އޮލިމްޕަސް ކައިރި ކައުންޓަރުންކަމަށެވެ. އަދި ލަންކާ އާއި ބަންގްލަދޭޝް މެޗުގެ ޓިކެޓް ގަންނަން ލިބޭނީ ނިއު ރޭޑިއަންޓް ސަޕޯޓަރުންގެ ސިޑިބަރި ކައުންޓަރުންނެވެ. ސާފް ޗެމްޕިއަންޝިޕަށް ގޮނޑިބަރީގެ ޓިކެޓެއް ވިއްކާނީ 100ރ އަށެވެ. ސިޑިބަރީގެ ޓިކެޓުގެ އަގަކީ 75ރއެވެ.

މިމުބާރާތުގައި ވާދަކުރާ ހުރިހާ ޓީމެއް މާލެ އައިސްފައިވާއިރު، ޓީމުތައް މާލެއައުމާއެކު ވަނީ ކޯވިޑް-19އަށް ޓެސްޓް ކޮށްފައެވެ. އަދި ކޮންމެ މެޗެއްގެ 24 ގަޑިއިރު ކުރިން ދެ ޓީމް ކޯވިޑް-19އަށް ޓެސްޓް ކުރުމަށް ވަނީ ހަމަޖެހިފަކަމަށް އެފްއޭއެމްއިން މަޢުލުމާތުދެއެވެ. އެފްއޭއެމުން ބުނީ މިމުބާރާތް ކުރިއަށްދާނީ އެޗްޕީއޭގެ ޚާއްސަ ގައިޑް ލައިންގެ ދަށުންކަމަށެވެ. އެގޮތުން އެއްވެސް ޓީމެއްގެ އެއްވެސް ކުޅުންތެރިއަކަށް ނުވަތަ އޮފިޝަލަކަށްވެސް ބޭރަށް ދެވޭނީ ހަމައެކަނި މެޗު ކުޅުމަށާއި ޕްރެކްޓިސްއަށް އެކަނިކަމަށެވެ. އެނޫން ގޮތަކަށް އެއްވެސް ޓީމަކަށް ބޭރަށް ނުކުމެ އުޅުމުގެ ހުއްދައެއް ނޯންނާނެކަމަށް އެފްއޭއެމްއިން މަޢުލުމާތުދެއެވެ.

އެފްއޭއެމުން ނިންމާފައިވަނީ ދަނޑަށް މެޗު ބަލަން ވަނުމަށް ފަހު ނުކުމެވޭނީ މެޗު ނިމުމުން ކަމަށެވެ. މިއީ ކޮވިޑްގެ ހާލަތެއް ކަމަށްވާތީ ސަޕޯޓަރުން ވަދެ ނުކުމެ އުޅުން މަދުކުރަން ދަނޑުގައި ކެންޓީން ފަދަ ތަންތަން ހެދުމަށް ވަނީ ނިންމައިފައެވެ.