ޚަބަރު

ޤަވާއިދާ ޚިލާފްވި 1055 މީހަކު މިއަހަރު ރާއްޖެއިން ފޮނުވާލާފައިވޭ


އެކިއެކި ސަބަބުތަކާ ހެދި މިއަހަރުގެ ތެރޭގައި ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނުދީ 1055 މީހުން ފޮނުވާލާފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.ނިމިގެންދިޔަ 2014 ވަނަ އަހަރު ރާއްޖެ އެތެރެވިޔަނުދީ އަނބުރާ ފޮނުވާލާފައިވަނީ، 1192 ފަރާތެކެވެ.ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ތެރޭގައި ފޯޖަރީގެ 112 މައްސަލަ ހުށައެޅި، 72 މީހަކު ޕާސްޕޯޓް ފޯޖްކޮށްގެން ފޮނުވާލާފައިވެއެވެ. އަދި ނަމާއި، އުމުރު ފަދަ މަޢުލޫމާތު ބަދަލުކޮށްގެން، އައިޑެންޓިޓީ ފްރޯޑްގެ  މައްސަލައިގައި  71 މީހަކު ވަނީ އަނބުރާ ފޮނުވާލާފައެވެ.އުމުރު ބަދަލުކޮށްގެން ރާއްޖޭގައި މަސައްކަތްކުރުމަށް އައި 40 މީހަކު ފޮނުވާލާފައިވާކަމަށާއި، ފެސިލިޓޭޓަރުންގެ ގޮތުގައި އައި 3 މީހަކާއި، އެކި ޤައުމުތަކުގެ ތައްގަނޑު ބޭނުންކޮށްފައިވާ، ކައުންޓަރފީޓް ސްޓޭމްޕްގެ މައްސަލައިގައި 26 މީހަކު ފޮނުވާލާފައިވާކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއްވައެވެ. އިމިގްރޭޝަނުން ވިދާޅުވީ، މިފަދަ މައްސަލަތަކުގައި ގިނައިން ފޮނުވާލާފައިވަނީ، ރާއްޖޭގައި އުޅެފައިވާ ފަރާތްތައްކަމަށެވެ.ރާއްޖޭގައި މަސައްކަތްކުރުމަށް އައި މީހުންގެ ތެރެއިން އެމްޕްލޯއިމަންޓް އެޕްރޫވަލް ނެތުމާއި ގުޅިގެން 396 މީހަކު މިއަހަރުގެ ތެރޭގައި ފޮނުވާލާފައިވެއެވެ. މީގެ އިތުރުން ވޮޗް ލިސްޓްގައި ހިމެނިފައިވާ 208 މީހެއް ފޮނުވާލާފައިވާއިރު، ޓުއަރިސްޓް ވިސާގައި އެތެރެވުމުގެ ޝަރުތު ހަމަނުވާ 175 މީހަކާއި، ބިޒްނަސް ވިސާގައި އެތެރެވުމުގެ ޝަރުތު ހަމަނުވުމުން 23 މީހަކު ފޮނުވާލާފައިވާއިރު، އެހެނިހެން ސަބަބު ތަކާހެދި 41 މީހަކު ރާއްޖެ އެތެރެވުމުގެ ހުއްދަ ނުދީ އަނބުރާ ފޮނުވާލާފައިވެއެވެ.އިމިގްރޭޝަނުން ވިދާޅުވީ، ދިވެހި ޕާސްޕޯޓުގެ ޚިދުމަތާއި ބިދޭސީންނާއި ވަޒީފާގައި ގެންގުޅުމުގައި ބޭނުންވާ ތަފާތު ޚިދުމަތްތައް ފުޅާކޮށް އަވަސް ކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.