ޚަބަރު

27،000އަށްވުރެ ގިނަ ދަރިވަރުން ކޯވިޑް ވެކްސިން ފުރިހަމަކޮށްފި

މިމަހުގެ 26ވަނަ ދުވަހުގެ ނިޔަލަސް 27،000އަށްވުރެ ގިނަ ދަރިވަރުން ކޯވިޑް ވެކްސިން ފުރިހަމަކޮށްފިއެވެ. ސްކޫލް ކުދިންނަށް ވެކްސިން ދޭން ފެށީ މިދިޔަ އޯގަސްޓް މަހުގެ 15ވަނަ ދުވަހުގައެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ސްކޫލް ކުދިންގެ ތެރެއިން ޢުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށިތާ މަހެއް ވެފައިވާއިރު 27،697 ކުދިން ވަނީ ދެ ޑޯޒާއެކު ވެކްސިން ފުރިހަމަކޮށްފައެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަކުރައްވާ ގޮތުގައި މީގެތެރޭގައި ހިމެނެނީ ރާއްޖޭގައި ހިންގަމުން އަންނަ ސަރުކާރު ސްކޫލްތަކާއި އަމިއްލަ ސްކޫލްތަކުގެ ތެރެއިން 178 ސްކޫލްގެ ދަރިވަރުންނެވެ. އެމިނިސްޓްރީން ހާމަކުރައްވާފައިވާ ތަފާސްހިސާބަށްބަލާއިރު ވެކްސިންގެ ފުރަތަމަ ޑޯޒް މިމަހުގެ 26ގެ ނިޔަލަށް 35،989 ދަރިވަރުން ވަނީ ފުރިހަމަކޮށްފައެވެ. މިއީ 218 ސްކޫލަކަށް ނިސްބަތްވާ ކުދިންކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ. ރާއްޖޭގެ ސްކޫލްތަކުގައި ވެކްސިން ޖަހަން ޝަރުތު ހަމަވާ އުމުރުގެ 36،000 އަށްވުރެ ގިނަ ކުދިން ތިބިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ސްކޫލް ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި ކުދިންނަށް ދެމުން އަންނަނީ ޢުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ދިނުމަށް ޑަބްލިއުއެޗްއޯއިން ހުއްދަދީފައިވާ ފައިޒާ ވެކްސިނެވެ. ސްކޫލް ދަރިވަރުންނަށް ވެކްސިން ދިނުމަށްޓަކާ ރާއްޖެއަށް ވަނީ ކޯވެކްސް ފެސިލިޓީގެ ދަށުން އެމެރިކާގެ އެހީތެރިމާއެކު 128،600 ޑޯޒްގެ ފައިޒާ ވެކްސިން ލިބިފައެވެ.


އުމުރުން 12 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން މިހާރު ސްކޫލުތަކުގައި އުޅޭ ދަރިވަރުން އަދި މިދިޔަ ދިރާސީ އަހަރު 10 ނިންމި ކުދިންނަށް ފައިޒަރ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއާއި ގުޅިގެން ސްކޫލްތައް މެދުވެރިކޮށެވެ. ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ވެކްސިން ދެމުންގެންދާނީ އެކުއްޖަކު ކިޔެވި ސްކޫލަކުންކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ.

ވެކްސިން ދިނުމަށްޓަކާ ބެލެނިވެރިންގެ އިއުތިރާޒެއް ނެތްކަމަށާއި ކުދިންގެ ސިއްޙީ އެއްވެސް މައްސަލައެއް ހުންނަތޯ ދެނެގަތުމަށް ޚާއްސަ ފޯމެއް ފުރައެވެ. އެގޮތުން ބަލީގެ އެއްވެސް ޢަލާމާތެއް ހުރި ކުއްޖެއްނަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ވަކި މުއްދަތަކަށްފަހުގައެވެ.

ސްކޫލް މާޙައުލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސްކޫލަށް ވަދެނިކުމެ އުޅޭ އެންމެނަކީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކަށަވަރުކޮށްފައެވެ. އެގޮތުން ސްކޫލް މުވައްޒަފުން ވެކްސިން ފުރިހަމަކުރުމަށް އަންގާފައިވާއިރު ބެލެނިވެރިންގެ ތެރެއިން ވެކްސިން ފުރިހަމަނުކުރާ ފަރާތްތަކަށް ސްކޫލަށް ނުވަދެވޭ ގޮތްވަނީ ހަދާފައެވެ.