ޚަބަރު

ޢުމްރާނީ ތަރައްޤީއަށްވުރެ ބޮޑަށް ފަރުދުން ތަރައްގީވާންޖެހޭ - އަފްޝަން


ފުރިހަމަ ލާމަރުކަޒީ ނިޒާމަކުން އިދާރީ ދާއިރާާތައް ތަރައްޤީކުރުމަށްޓަކައި ޢުމްރާނީ ތަރައްޤީއަށްވިރެ ބޮޑަށް އިންސާނީ ތަރައްޤީ ނުވަތަ ފަރުދުންގެ ތަރައްޤީ އިސްކުރަންޖެހޭކަމަށް ލޯކަލް ގަވަރމަންޓް އޮތޯރޮޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފާޠިމަތު އަފްޝަން ލަޠީފް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ބ.އަތޮޅުގައި މިހާރު ކުރިއަށްދާ އެއަތޮޅު ޕްލޭން އެކުލަވާލުމަށް ބޭއްވިބައްދަލުވުން ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނަށް ގެނެސްފައިވާ ބޮޑެތި ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަފްޝަން ވިދާޅުވީ ތަރައްޤީ އަކީ ހަމައެކަނި ކޮންކްރީޓުން ގެންނަ ތަރައްޤީކަމަށް ދެކިގެން ނުވާނެކަމަށެވެ. ތަރައްޤީގެ އެއްވެސް ކަމެއް އިންސާނާ ތަރައްޤީނުވެ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. ތަރައްޤީގެ ޕްލޭންތައް އެކުލަވާލާއިރު މިކަންކަމަށް ސަމާލުވުމަށް އަފްޝަން ލޯކަލް ކައުންސިލްތަކަށް އިލްތިމާސްކުރެއްވިއެވެ.

"ތައްޤީގެ ޕްލޭނެއް ހަދާއިރު އަބަދުވެސް ބަލަންވީ ތިމާއަށާއި ތިމާ އުޅޭ ވެއްޓަށް ލިބޭ ކުރިއެރުމަށް. އެއީ ކުރިއެރުމެއް، އެއީ ރައްކާތެރިކަމެއް، އާއިލާތަކަށް އޮންނަ ފުރުސަތުތަކެއް،. ސިއްޙީ ފުރުސަތުތަކާއި ކުދިންނަށް ލިބޭ ތައުލީމްގެ ފުރުސަތުތަކާއި ޒުވާނުން ކުރިއަށްދާނެ ވަޒީފާގެ ފުރުސަތުތައް ފަހިކޮށްގެން ނޫނީ ތަރައްޤީ ގެނެވޭނެކަމަށް ގަބޫލެއްނުކުރަން." އަފްޝަން ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ބ.އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަފްރާޙް ވިދާޅުވީ އެންމެ މުހިންމެކަމެއް ކަމުގައި ދެކޭނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަކުރުމަށްކަމަށެވެ. އެގޮތުން އެންމެ އިސްކަމެއް ދޭނީ ބ.އަތޮޅަށް ވަންނަ އާމްދަނީ އިތުރުކުރުމަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެންމެމުހިންމު އިސްކަމެއް ދޭނީ އަތޮޅުގެ މާލިޔަތު ރަގަޅުކުރަން، ތައުލީމާއި ސިއްޙީ ކަންކަމަށް. މިހެން ދެންނެވި ކަމުގައި ވީނަމަވެސް އެތަންތަނުން އެއްބާރުމާއެކު މިހުރިހާކަމެއް ހާސިލްވާނީ" ބ.އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަފްރާޙް ވިދާޅުވިއެވެ.

ތިންދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ޕްލޭން އެކުލަވާލުގެ ބައްދަލުވުމުގައި އެލްޖީއޭގެ އިތުރުރުން ތިމާވެއްޓާ ބެހޭ ވުޒާރާއާއި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން އެއަތޮޅުގައި ހުރިހާ ރަށެއްގެ ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތަކާއި ސަރުކާރާ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބައިވެރިވެއެވެ.

މިބައްދަލުވުން ބ.އަތޮޅު ކައުންސިލުން ކުރިއަށްގެންދަނީ ކޮޑި ޖަމްޢިއްޔާއާ ގުޅިގެންނެވެ. މިބައްދަލުވުމުގައި ބ.އަތޮޅުގައި ހިންގާ ބައެއް ރިސޯޓްތަކުންވެސް ބައިވެރިވާކަމަށް އަތޮޅު ކައުންސިލުން މައުލޫމާތުދެއްވައެވެ.