ކުޅިވަރު

އަނިޔާއިން ރަނގަޅުވެ މެސީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި


އަނިޔާއިން ރަނގަޅުވެ ޕީއެސްޖީގެ ފަރިތަކުރުންތަކުގައި ލައޮނަލް މެސީ ބައިވެރިވާން ފަށައިފިއެވެ. މެސީއަށް އަނިޔާވީ ލީގުގައި މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެރޭ ލިޔޯން އަތުން ޕީއެސްޖީ މޮޅުވި މެޗުގައެވެ. މިމެޗްގައި މެސީ މެޗްގެ ދެވަނަ ހާފްގައި ބަދަލް ކުރުމުން އޭނާ ހުރީ ވަރަށް ބޮޑަށް ހިންހަމަނުޖެހުން ފާޅުކޮށްފައިވާކަމަށް މީޑިޔާތަކުން ރިޕޯޓް ކުރިއެވެ. ނަމަވެސް ފަހުން ޕީއެސްޖީގެ ކޯޗް މައުރީސިއޯ ޕޮޗެޓީނޯ ބުނީ މެސީ ބަދަލު ކުރުމުން އެއްވެސް ހިތްހަމަ ނުޖެހުމެއް ނެތްކަމަށެވެ. އަދި ފަހުން ކޯޗް ޕޮޗެޓީނޯ ބުނީ މެސީ ބަދަލް ކުރީ އޭނާގެ ވާތު ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެންނެވެ.

މި އަނިޔާއާ ގުޅިގެން މެސީއަށް ވަނީ ޕީއެސްޖީން ލީގުގައި މެޓްޒްއާ ދެކޮޅަށް ކުޅުނު މެޗާއި، މޮންޕެލިއޭއާ ދެކޮޅަށް ކުޅުނު މެޗުވެސް ގެއްލިފައެވެ. އެހެންނަމަވެސް އަނިޔާއިން ރަނގަޅުވެ މެސީ މިހާރުވަނީ ޕީއެސްޖީގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައެވެ. މިއާއެކު މިރޭ ޔުއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ޕީއެސްޖީން ކުޅޭ މެޗުގައި މެސީ ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗްގައި ކުލަބު ބްރޫޖް އާއި ވާދަކޮށް ޕީއެސްޖީ 1 ލަނޑު 1 ލަނޑުން އެއްވަރުވި މެޗްގައި މެސީވަނީ ކުޅެފައެވެ. ޕީއެސްޖީއާއެކު މެސީ މިހާތަނަށް 3 މެޗް ކުޅެފައިވާއިރު، މެސީއަކަށް އަދި މިހާތަނަށް ޕީއެސްޖީއަށް ގޯލެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. ޗެންޕިއަންސް ލީގްގައި މިރޭ ޕީއެސްޖީ އާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރާއިރު، ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ މީގެ ކުރިންވަނީ މެސީއާއިއެކު ބާސެލޯނާގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައެވެ.