ކުޅިވަރު

ކޭންޕް ނިންމާލުމަށްފަހު ގައުމީ ޓީމް މާލެ އައިސްފި


އުރީދޫ ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް ގަތަރު ކޭންޕް، ނިންމާލުމަށްފަހު ގައުމީ ޓީމް މާލެ އަތުވެއްޖެއެވެ. ގައުމީ ޓީމް މާލެ އައިސްފައިވާއިރު، އެޓީމުވަނީ ގަތަރުގައި އެކުވެރިކަމުގެ ދެ މެޗް ކުޅެފައެވެ. އެގޮތުން އެޓީމު އެގައުމުގައި ކުޅުނު ފުރަތަމަ މެޗްގައި ވަނީ ގަތަރުގެ ދެ ވަަނަ ޑިވިޝަނުގެ ކުލަބެއްކަމަށްވާ ލުސައިލް އެފްސީ އާއި ވާދަކޮށް 4 ލަނޑު 3 ލަނޑުން މޮޅުވެފައެވެ. އަދި ދެ ވަނަ މެޗުގައި ގަތަރުގެ އާމީ ނެޝަނަލް ޓީމާއި ވާދަކޮށް 1 ލަނޑު 1 ލަނޑުން އެއްވަރުވެފައެވެ.

ގައުމީ ޓީމް ގަތަރުގައި ކުރި ކޭންޕުގެ ތެރެއިން ޓީމުގެ ރޫހަށް ވަރަށް ބޮޑަށް ބަދަލްތަކެއް އައިސްފައިވާކަމަށް ކުޅުންތެރިން ބުނެފައިވާއިރު، ޓީމުގެ ކޯޗް ޢަލީ ސުޒޭން ވަނީ ގަތަރު ކޭންޕްގެ ސަބަބުން ޓީމަށް ގިނަ ފައިދާތަކެއްކޮށް، އުރީދޫ ސާފް ޗެންޕިއަންޝިޕަށް ޓީމު މިހާރު ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަމަށް ކޯޗު ސުޒޭން ބުންނެވެ. އަދި ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ ބުނީ އަމިއްލަ ގައުމުގައި މުބާރާތް ބާއްވައިގެން، އަމިއްލަ ސަޕޯޓަރުންގެ ކުރި މަތީގައި ތަށި އުފުލާލުމަށް ހުރިހާ ކުޅުންތެރިން ވެސް ކެތްމަދުވެފައިވާކަމަށާއި ހުރިހާ ކުޅުންތެރިންވެސް ބޭނުންވަނީ މިފަހަރު ތަށިކަމަށެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ސާފް ޗެންޕިއަންޝިޕްގެ ތަށި ކާމިޔާބުކޮށްފައިވަނީ 2008ވަނަ އަހަރުއެވެ. އަދި ދެވަނަ ފަހަރު ރާއްޖެއިން މިމުބާރާތުގެ ދަށި ކާމިޔާބުކޮށްފައި ވަނީ 2018ވަނަ އަހަރުއެވެ. މިދެ ފަހަރުވެސް ރާއްޖެއިން ތަށި ކާމިޔާބުކޮށްފައިވަނީ އިންޑިޔާއާއި ވާދަކޮށްގެންނެވެ. މިފަހަރުގެ އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ވެސް ރާއްޖެއާއި އެންމެ ވާދަވެރިވަނީވެސް އިންޑިޔާކަމަށް ރާއްޖޭގެ ގިނަ ކޯޗުން ބުންޏެވެ. ނަމަވެސް މިފަހަރު މިމުބާރާތުގައި ވާދަކުރާ އެހެން ގައުމްތައްވެސް ވަރަށް ވަރުގަދަވާނެކަމަށް ތަޖްރިބާކާރު ކޯޗުން ފާހަގަކޮށްފައިވެއެވެ.

މިމުބާރާތައް ތައްޔާރުވުމަށް ނޭޕާލް އާއި ދިވެހިރާއްޖެއިން ގަތަރުގައި ކޭންޕުކޮށްފައިވާއިރު، ސްރީލަންކާއިން ވެސް ގަތަރުގައި ކޭންޕް ކުރުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ލަންކާގެ ކޯވިޑް-19ގެ ހަލާތާއި ގުޅިގެން އެގައުމަށް ގަތަރަށް އެތެރެވުމަށް ވިސާއެއް ނުލިބުނެވެ. އެއާއެކު ލަންކާއިން ކޭންޕުކޮށްފައިވަނީ ސައުދިއަރަބިއްޔާގައެވެ. އުރީދޫ ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް އިންޑިޔާއިންވެސް ވަނީ ނޭޕާލާއެކު އެކުވެރިކަމުގެ ދެ މެޗް ކުޅެފައެވެ. އެގޮތުން ފުރަތަމަ މެޗް އެއްވަރުވެގެން ނިމުނުއިރުގައި، ދެވަނަ މެޗް އިންޑީޔާ ވަނީ ކާމިޔާބުކޮށްފައެވެ.