ޚަބަރު

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފި


ވައިގަދަވެ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ކ.އަތޮޅާ ދެމެދުގެ ރަށްތަކަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށެވެ. އަދި ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ވިއްސާރަކުރާނެތީ އެކަމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރައްވައެވެ.

ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާތީ މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފައި އޮތުމަށްފަހު، އިތުރަށް މޫސުން ގޯސްވާނެތީ މެޓް އޮފީހުން މިހާރު ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފައެވެ. ޔެލޯ އެލާޓް ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ކ.އަތޮޅާ ދެމެދުގެ ރަށްތަކަށް މިރޭގެ 10:30އާ ހަމައަށެވެ.

މޫސުން ގޯސްވާނެތީ އެކަމަށް ސަމާލުވުމަށް ފުލުހުންނާއި އެމްއެންޑީއެފުންވެސް ދަނީ އިލްތިމާސްކުރަމުންނެވެ.

އެގޮތުން ކޮންމެހެން ކުރަންޖެހޭ ކަނޑު ދަތުރެއް ނޫނީ ނުކުރުމަށާއި، ކަނޑުމައްޗަށް ނިކުންނައިރު މޫސުމާބެހޭ މަޢުލޫމާތު ހޯދުމުގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޚާއްސަކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު، ކަނޑު ގަދަވުމާއި ގުޅިގެން މިއަދު ވަނީ ސަފާރީއެއް އަޑިއަށްގޮސް ނުރައްކާތެރި ޙާދިސާއެއްވެސް ހިނގާފައެވެ. މި ޙާދިސާގައި މީހަކު ވަނީ ނިޔާވެސްވެފައެވެ.

މީގެއިތުރުން ބޯކޮށް ވާރޭވެހި އަތޮޅުތަކުގެ ބައެއް ރަށްތަކުގައި ފެން ބޮޑުވުމާއި ވައި ގަދަވެ ގަސްތައް ވެއްޓުމުގެ ޙާދިސާތައްވެސް ހިނގާފަވެއެވެ. އެގޮތުން މާލޭގެ ބައެއް މަގުތަކުގައި ހުރި ބޮޑެތި ގަސްތައްވެސް ވަނީ ވެއްޓިފައެވެ.

ފުލުހުން ވަނީ ވައިގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން އުސް އިމާރާތްތަކުގެ ދޮރުތަކާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުމަށާއި ބެލްކަނި އަދި ޓެރެސްގައި ހުންނަ ގަސްމުށިފަދަ ތަކެތި ބިންމައްޗަށް ނުވެއްޓޭނެހެން ރައްކާތެރިކަމާއެކު ބެހެއްޓުމާއި، ވަޔާ އެއްލައިލަފާނެ ފަދަ ތަކެތި އެއްލައި ނުލާނޭހެން ބަނދެ ރައްކާތެރިކޮށްފައި ބެހެއްޓުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.

މެޓް އޮފީހުން ލަފާކުރައްވާ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެއެވެ.