ޚަބަރު

ށ. ފޭދޫގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ނާއިބު ރައީސްއާ ހިއްސާކުރައްވައިފި


މިލަދުންމަޑުލު އުތުރުބުރީ ފޭދޫއަށް އެންމެ ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މުހިންމު ޚިދުމަތްތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއާ ޙިއްސާކޮށްފިއެވެ.

ފޭދޫއަށް އެންމެ ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މުހިންމު ޚިދުމަތްތައް ނައިބު ފައިސަލް ނަސީމްއާ ހިއްސާކުރެއްވީ އެރަށު ކައުންސިލްގެ މެމްބަރުންއެކު ނާއިބު ރައީސް މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ފޭދޫ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ކައުންސިލު އިދާރާގެ އިދާރީ މުވައްޒަފުންގެ ދަތިކަމާއި، ބަނދަރަށް ގެންނަން ބޭނުންވާ ބަދަލުތަކާއި، ސްކޫލުގެ ޖާގައިގެ ދަތިކަމުގެ މައްސަލަ ހިމެނެއެވެ. މީގެއިތުރުން އެރަށުގެ ޒުވާނުންނަށް ފުޓްބޯޅަ ދަނޑެއްގެ މުހިންމުކަމާއި، ފެރީގެ ނިޒާމުގެ ޚިދުމަތް ރަނގަޅުކުރުމަށް ބޭނުންވާ ކަންކަމާއި އަދި ރަށްގިރުމުގެ މައްސަލައިގެ އިތުރުން ފުލުހުންގެ ޚިދުމަތްފަދަ ރަށަށް ބޭނުންވާ މުހިންމު ޚިދުމަތްތަކާއި ރަށުގެ އިޖްތިމާޢީ އަދި ޢުމްރާނީ ތަރައްޤީއަށް މުހިންމު ކަންތައްތައް ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލުތަކަށް ލިބިދީފައިވާ ބާރާއި އިޚްތިޔާރުގެ ދަށުން ކަންކަން ނިންމުމުގައި އިތުރު ފަސޭހަތަކެއް ލިބިދީފައިވާކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރަށުގައި މިހާރުވެސް ހުރި ވަޞީލަތްތައް އެންމެ ފުރިހަމަގޮތުގައި ބޭނުންކުރުމަށް މަސައްކަތްކުރުމަށާއި އަދި ރަށުގައި ހުންނަ ކްލަބް ޖަމުޢިއްޔާތައްފަދަ ފަރާތްތަކާއި ގުޅިގެން ޢާންމު ހޭލުންތެރިކަމަށާއި މުޅި މުޖުތަމަޢުގެ ދުޅަހެޔޮކަމަށް ޕްރޮގްރާމްތައް ހިންގައި މަޢުލޫމާތު ދިނުން ފަދަ ހަރަކާތްތައް އިތުރުކުރެއްވުމަށް ކައުންސިލަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ރަށުގެ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަން ޙައްލުކުރުމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކޮށްދެއްވާނެކަމަށާއި އަދި މަޝްރޫޢުތަކުގެ މަސައްކަތްކުރިޔަށްދާ ސްޕީޑް އަވަސްކުރުމަށް ކުރެވެންހުރި ކަންކަން ސަރުކާރުން ކޮށްދެއްވާނެކަމުގެ ޔަޤީންކަން ކައުންސިލަރުންނަށް ދެއްވާފައެވެ.