ޚަބަރު

ވެކްސިން ނުޖެހޭ މީހުން ބައެއް ރަށްރަށުގައި ކަރަންޓީނުވާކަށް ނުޖެހޭ


ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅާފައިވާ މިންވަރަށް އާބާދީގެ ނިސްބަތުން ވެކްސިން ފުރިހަމަކޮށްފައިވާ ރަށްރަށަށް ދަތުރުކުރާ މީހުންގެ ތެރެއިން އެކިއެކި ސަބަބުތަކާހުރެ ވެކްސިން ނުޖެހޭ މީހުން ކަރަންޓީނުވާން ނުޖެހޭކަމަށް ކަނޑައަޅައިފިއެވެ.

މިގޮތަށް ކަނޑައެޅީ މިއަދު އެޗްޕީއޭއިން ޢާޢްމުކުރި ދަތުރުފަތުރުކުރުމުގެ އުސޫލުގައެވެ.

އެޗްޕީއޭއިން ވިދާޅުވީ ސިއްހީ އެކިސަބަބުތަކާހުރެ ކޯވިޑް ވެކްސިން ނުޖެހޭނެކަމަށް އެ އެޖެންސީން ލިޔުމެއް ލިބިފައިވާ މީހުންނާއި، ވެކްސިން ނުޖެހޭ ޢުމުރުގެ ކުޑަކުދިން ރަށްރަށަށް ދަތުރުކުރާއިރު، އެދަތުރުކުރާ ރަށްރަށުގެ އާބާދީގެ ކަނޑައެޅިފައިވާ މިންވަރަށް، ވެކްސިން ފުރިހަމަކޮށްފައި ވާނަމަ އެރަށުގައި ކަރަންޓީނުވާން ނުޖެހޭނެކަމަށެވެ.

އެކި ސަބަބުތަކާހުރެ ވެކްސިން ނުޖެހޭ މީހުންނަށް ކަރަންޓީނު ނުވެ ރަށްރަށަށް ދަތުރުކުރެވޭނީ އެރަށެއްގެ ވެކްސިން ޖެހުމަށް ޝަރުޠު ހަމަވާ 12 އަހަރުންމަތީގެ އާބާދީން %90 ވެކްސިން ފުރިހަމަކުރުމުންނެވެ. އަދި އެ ރަށެއްގައި ދިރިއުޅޭ 65 އަހަރުންމަތީގެ އާބާދީން %90 ވެކްސިން ފުރިހަމަކުރުމާއި ގެސްޓުހައުސް ހިންގާ ރަށެއް ނަމަ އެ ތަނުގައި މަސައްކަތްކުރާ މީހުންގެ %95 ވެކްސިން ފުރިހަމަކުރަންޖެހެއެވެ. މީގެ އިތުރުން ރިސޯޓުތައް ނުވަތަ ރިސޯޓު ހަދަމުންދާ ރަށެއްކަމަށް ވާނަމަ، އެ ތަނުގައި މަސައްކަތްކުރާ މީހުންގެ %95 ވެކްސިން ފުރިހަމަކޮށްފައިވާ ރަށްރަށަށް މިއުސޫލުން ދަތުރުކުރެވޭނެއެވެ. އެޗްޕީއޭއިން އާއްމުކޮށްފައިވާ އެންމެފަހުގެ މައުލޫމާތަށް ބަލާއިރު ވެކްސިން ފުރިހަމަކޮށްފައިވާ %80އަށްވުރެ ގިނަ ރަށްތަކަށް ކަރަންޓީންނުވެ ދަތުރުކުރެވެއެވެ.


އެޗްޕީއޭއިން ވިދާޅުވީ ވެކްސިން ފުރިހަމަވިކަމަށް ބަލާނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ އިންސައްތައަށް އެރަށެއްގައި ވެކްސިން ފުރިހަމަވެ، 14 ދުވަސް ފުރިހަމަ ވުމުން ކަމަށެވެ. އަދި އެ މިންގަނޑުތަކަށް ނުފެތޭ ރަށްރަށަށް ދަތުރުކުރާ މީހުންގެ ތެރެއިން ސިއްހީ ސަބަބަކާ ހުރެ ވެކްސިން ނުޖެހޭ މީހުން 72 ގަޑިއިރު ހަމަނުވާ ނެގަޓިވް ޕީސީއާރު ޓެސްޓެއް ހުށަހަޅަންޖެހޭނެ ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވއެވެ.

މީގެ އިތުރުން ފަތުރުވެރިން ފިޔަވާ ރާއްޖެއިން ބޭރުން އަންނަ ވެކްސިން ފުރިހަމަކޮށްފައިނުވާ މީހުން 96 ގަޑިއިރުނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހެއެވެ. އެހެންނަމަވެސް 1 އަހަރުން ދަށުގެ ތުއްތު ކުދިން ޕީސީއާރު ހަދާކަށް ނުޖެހެއެވެ.