ކުޅިވަރު

ކޭންޕުގެ ފައިދާ މުބާރާތުގެ ތެރޭގައި ފެންނާނެ - އަކޫ


އަންނަ ހުކުރު ދުވަހު މާލޭގައި ފަށާ އުރީދޫ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގަތަރުގައި ކުރިއަށްދިޔަ ކޭންޕްގެ ފައިދާ ޓީމަށް ވަރަށް ބޮޑަށް ކުރާނެކަމަށާއި ސާފް ޗެންޕިއަންޝިޕްގެ ތެރެއިން އެކަން ފެނިގެންދާނެކަމަށް ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) ބުނެފިއެވެ. 2018ވަނަ އަހަރު ރާއްޖެއިން ދެވަނަ ފަހަރަށް ސާފް ޗެންޕިއަންޝިޕްގެ ތަށި ކާމިޔާބުކުރިއިރުގައި އެޓީމުގެ ކެޕްޓަނެއްގެ ގޮތުން އަކްރަމް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. 2018ވަނަ އަހަރު ގައުމީ ޓީމް ސާފް ޗެންޕިއަންޝިޕްގެ ތަށި ކާމިޔާބުކޮށްފައިވަނީ ވެސް ގަތަރުގައި ކޭންޕްކޮށްގެންނެވެ.

ގައުމީ ޓީމްގެ ކެޕްޓަން އަކުރަމް ބުނީ ގަތަރުގައި ކުރަމުންދާ ޓްރެއިނިންގް ކޭންޕްގެ ހުރިހާކަމެއްވެސް ގޮސްފައިވަނީ ވަރަށް އުފާވެރި މާހައުލެއްގައިކަމަށެވެ. އަދި ކޭންޕްގެ ސަބަބުން ކުޅުންތެރިންނަަށް ބޮޑު ފައިދާއެއް ކުރިކަމަށާއި މިހާރު ޓީމްގެ ހުރިހާ ކުޅުންތެރިނަށް ވެސް އެއް ރޫހެއްގައި މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް ފަސޭހަވާނެކަމަށެވެ. ރޭގެ މެޗާ ބެހޭގޮތުން ވާހަގަދައްކަމުން އަކޫ ބުނީ މެޗްގައި ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަކަމަށާއި ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނުނީކަމަށެވެ. އަދި ކޭންޕްގެ ސަބަބުން ޓީމަށް ވަރަށް ބޮޑު ބަދަލްތަކެއް އައިސްފައިވާކަމަށާއި ޓީމްގެ ކުޅުންތެރިންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބިފައިވާކަމަށެވެ.

2018ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއިން އުފުލާލީ ފައިނަލުގައި 2 ލަނޑު 1 ލަނޑުން އިންޑިއާ ބަލިކޮށްގެންނެވެ. ރާއްޖެއިން އެންމެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ 2008 ވަނަ އަހަރު ރާއްޖެ ކާމިޔާބުކުރީ އިންޑިޔާ ބަލިކޮށްގެންނެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހުގެރޭ ނޭޕާލާ ކުޅުމަށް ފަހު ދެ ވަނަ މެޗުގައި ހަތް ވަނަ ދުވަހުގެރޭ ބަންގްލަދޭޝްއާ ބައްދަލުކުރާނެއެވެ. ތިން ވަނަ މެޗުގައި 10 ވަނަ ދުވަހު ހަވީރު ލަންކާއާ ކުޅުމަށް ފަހު ލީގު ބުރުގެ ފަހު މެޗުގައި އަންނަ މަހު 13 ވަނަ ދުވަހުގެރޭ ކުޅޭނީ އިންޑިއާއާއެވެ. މި ފަހަރުގެ މުބާރާތް ރޭވިފައި އޮތީ ފަސް ގައުމުގެ މެދުގައި ފުރަތަމަ ލީގު ބުރެއް ކުޅެފައި އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދާ ގޮތަށެވެ.