ކުޅިވަރު

ބާރަވަނަ ކުޅުންތެރިޔާގެ ބޭނުން ގައުމީ ޓީމަށް މުހިންމު - ސުޒޭން


ބަރާވަނަ ކުޅުންތެރިޔާގެ ބޭނުން ގައުމީ ޓީމަށް މިފަހަރު ވަރަށް މުހިންމުކަމަށް ގައުމީ ކޯޗް ޢަލީ ސުޒޭން ބުނެފިއެވެ. މިއަންނަ ހުކުރު ދުވަހު ފަށާ އުރީދޫ ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ފުޓްބޯޅަ ޓީމް މިހާރުދަނީ ގަތަރުގައި ކޭންޕް ކުރަމުންނެވެ. ގަތަރުގެ ކޭންޕްގެ ތެރެއިން ގައުމީ ޓީމު ވަނީ އެކުވެރިކަމުގެ ދެ މެޗް ކުޅެފައެވެ.

އުރީދޫ ސާފް ޗެންޕިއަންޝިޕާ ބެހޭގޮތުން ވާހަކަދައްކަމުން ގައުމީ ޓީމުގެ ކޯޗު ޢަލީ ސުޒޭން ބުނީ ގަތަރުގެ ކޭންޕްގެ ތެރެއިން މުބާރާތަށް ޓީމް ވަރަށް ރަނގަޅަށް ތައްޔާވެފައިވާކަމަށާއި އެކަން ވަރަށް ބޮޑަށް ރޭ ކުޅުނު މެޗުން އެނގިގެން ގޮސްފައިވާކަމަށެވެ. މިހާރު މުބާރާތައް ޓީމުގެ 11 ކުޅުންތެރިން ތައްޔާރުކަމަށާއި ޓީމުގެ 12ވަނަ ކުޅުންތެރިޔާގެ ޒިންމާ އަދާ ކުރާ ވަގުތު އައިސް މިހާރު ޖެހިފައިވާކަމަށާއި 12ވަނަ ކުޅުންތެރިޔާގެ އެހީއާއެކު ކުޅުންތެރިން މެންޓަލީ ފިޓް ކުރުމަށް ވަރަށް ބޮޑުތަން ފަސޭހަވެގެންދާނެކަމަށް ސުޒޭން ބުންޏެވެ. ސުޒޭން ބުނީ މެޗުގެ ނަތީޖާއާ މެދު ހިތްހަމައެއް ނުޖެހޭ ކަމަށެވެ. ނަމަވެސް ލުސައިލް މެޗާ އަޅާކިޔާއިރު ރަނގަޅު ޕޮޒިޓިވް ކަންތައްތައްތަކެއް ފެނުނު ކަމަށެވެ. އެއީ ގައުމީ ޓީމު ބޮޑަށް ޕާސްކޮށްގެން އެޓޭކިން ހާފުގައި ރަނގަޅަށް ކުޅުމާއި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިތަން ފެނިގެންދިޔަކަމަށެވެ.

"އިރާދަކުރެއްވިއްޔާމު ސަޕޯޓަރުންގެ ހަމަ އެ ފޯރި މާލެ އަށް އަޅުގަނޑުމެން ދާއިރުގައި ފެންނާނެ ކަމަށް ގަބޫލުކުރަނީ. އެ ފެންނަ ހިސާބުން ކުޅުންތެރިން ވެސް ހަމަ މެންޓަލް ސަޕޯޓަކަށް ވާނެ. އެއީ މީހުންނާ އެކު އަބަދުވެސް 12 ވަނަ ކުޅުންތެރިޔާ ހުރިކަން އެ އިހުސާސް ކުރެވޭ ވަރުގެ ސަޕޯޓް މާލެ ތެެރެއިންނާއި ސޯޝަލް މީޑިއާ އިން ވެސް އެހެން ގޮތްގޮތުން ފެނުން އެއީ ކުޅުންތެރިންނަށް ވަރަށް ބޮޑު ހިތްވަރަކަށްވާނެ ފުރަތަމަ މެޗަށް ދާއިރުގައި،" ސުޒޭން ބުންޏެވެ.

އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު އެއް ވަނަ ދުވަހުގެ ރޭ ނޭޕާލާ ކުޅުމަށް ފަހު ދެ ވަނަ މެޗުގައި ހަތް ވަނަ ދުވަހުގެ ރޭ ބަންގްލަދޭޝްއާ ބައްދަލުކުރާނެއެވެ. ތިން ވަނަ މެޗުގައި މިއަންނަ މަހުގެ 10 ވަނަ ދުވަހު ހަވީރު ލަންކާއާ ކުޅުމަށް ފަހު ލީގު ބުރުގެ ފަހު މެޗުގައި އަންނަ މަހު 13 ވަނަ ދުވަހުގެރޭ ކުޅޭނީ އިންޑިއާއާއި ދެކޮޅަށެވެ.