ވިޔަފާރި

10 މިލިއަން ބެޑް ނައިޓްސްގެ އަމާޒު ހާސިލު ކުރެވޭނެ


މިހާރު ރާއްޖެއަށް އަންނަ ފަތުރުވެރިން ހޭދަކުރާ ރޭގެ ޢަދަދަށް ބަލާއިރު، 10 މިލިއަން ބެޑް ނައިޓްސްގެ އަމާޒު ހާސިލު ކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޢަބްދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ޓޫރިޒަމް މިނިސްޓަރ ޢަބްދުﷲ މައުސޫމް ވިދާޅުވީ ކޯވިޑުގެ މިޙާލަތުގައި ރާއްޖޭގެ ފަތުރުވެރިކަން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. އަދި ވަކިވަކި ޤައުމުތަކުންވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ލިބެމުންދާ ކުރިއެރުންތަކާއި އެކު އަހަރު ނިމޭއިރު 10 މިލިއަން ބެޑް ނައިޓްސްގެ އަމާޒް ހާސިލް ކުރެވޭނެ ކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

"މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެތެރޭ އަޅުގަނޑުމެން އަންދާޒާކުރިން ބެޑް ނައިޓްސް، ދިހަ މިލިއަން ބެޑް ނައިޓްސް، މި އަދަދަށް ބެޑް ނައިޓްސް ލިބޭނެ، އެއީ ފަތުރުވެރިން ތިބޭ އަދަދު ކުރިއާ އަޅާ ބަލާއިރު ދިގުވީމަ،" މިނިސްޓަރ ޑރ.މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ އަހަރު ނިމޭއިރު ރާއްޖެއަށް އެންމެގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެއްގެ ގޮތުގައި އޮންނާނީ އިންޑިއާކަމަށް ލަފާކުރެވޭ ކަމަށެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަށް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 8 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި މީގެތެރެއިން %22އަކީ އިންޑިއާ ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އަންނަނީ ރަޝިއާއިންނެވެ. އެއީ ރާއްޖެއަށް އަންނަ ޖުމްލަ ފަތުރުވެރިންގެ %19 އެވެ.

ތަފާސްހިސާބުތަށް ދައްކާގޮތުން ރާއްޖެއަށް މިހާރު އަންނަ ފަތުރުވެރިން އާއްމުގޮތެއްގައި 8 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރެއެވެ. ފަތުރުވެރިކަމަށް ނެރެފަައިވާ އެނދުގެ އަދަދަށް ބަލާއިރު، 882 ޓޫރިސްޓް ފެސިލިޓީއެއް އޮޕަރޭޝަނަށް ގެެނެސްފައިވާއިރު މިއީ 51038 އެނދެވެ.