ދުނިޔޭގެ ވިޔަފާރި

ތިން އަހަރަށްފަހު ވާވޭގެ ސީއެފްއޯ ގޭބަންދުން މިނިވަން ވެއްޖެ


އެމެރިކާގެ ބޭންކަކަށް މަކަރު ހެދި ކަމަށްބުނާ މައްސަލައެއްގައި ޗައިނާގެ ޓެކްނޮލޮޖީ ކުންފުނި ވާވޭގެ ޗީފް ފައިނޭންސިންގ އޮފިސަރ (ސީއެފްއޯ) މެންގް ވަންޒޫ ތިން އަހަރަށްފަހު ގޭބަންދުން މިނިވަންވެއްޖެއެވެ.

2013ވަނަ އަހަރު އެޗްއެސްބީސީ ބޭންކަށް އޮޅުވާލައިގެން އީރާނާއި އެކު ޑީލެއް ހެދި ކަމުގެ ތުހުމަތުގައި މެންގް ހައްޔަރުކުރީ އެމެރިކާއިން އަންގައިގެން 2018ވަނަ އަހަރު ކެނެޑާއިންނެވެ.

ޗައިނާ އާއި އެމެރިކާ ދެމެދު މިމައްސަލަ ހައްލުނުވެ އޮތުމަށްފަހު މެންގް ވަކި ގޮތަކަށް އެއްބަސްވުމުން އޭނާ މިނިވަންވީ ކަމުގައި ޚަބަރުތައް ބުނެއެވެ. މި އެއްބަސްވުމުގައި ދެފަރާތުން ސޮއިކޮށް މެންގް ވަންޒޫއާއި ދެކޮޅަށް އުފުލާފައިވާ ހުރި ހުރިހާ މައްސަލައެއް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ބާޠިލު ކޮށްފައެވެ.

މިއާއިއެކު އަންނަ އަހަރުގެ ޑިސެމްބަރާއި ހަމައަށް މި މައްސަލަ ނުބަލައި މަޑުކުރެވޭނެއެވެ. އަދި ޖަސްޓިސް ޑިޕާޓްމަންޓާއެކު މެންގް ވަންޒޫ ވި އެއްބަސްވުމުގައި ކޯޓުން ކޮށްފައިވާ ޝަރުޠުތަކާއި އެއްގޮތަށް ޢަމަލުކޮށްފިނަމަ މި މައްސަލަ އެއްގޮތަކަށްވެސް ނުބަލައި ނިންމާލާނެކަމަށްބެލެވޭކަމަށްވެސް ޚަބަރުތައް ރިޕޯޓްކުރެއެވެ.

މެންގް ވަންޒޫ އާއި ދެކޮޅަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބަލަން ބޭނުންވާ މައްސަލަތަކުގެ ތެރޭގައި ގިނައީ އޮޅުވާލައިގެން ހިންގާފައި ހުރީ މާލީ މުއާމަލާތްތައް ކަމަށް އެމެރިކާއިން ބުނެ އެވެ.
މިގޮތުން ސްކައިކޮމް ކިޔާ ކުންފުންޏަކާއި ހުވާއީއާއި އޮތް ގުޅުމާއި ގުޅޭގޮތުން މަޝްހޫރު އެޗްއެސްބީސީ ބޭންކަށް އޮޅުވާލުމާއި އަދި އެފަދަ އެހެން މާލީ ބޭންކްތައް މެދުވެރިކޮށް މެންގް ވަންޒޫ އިސްވެ ހިންގާފައި ހުރި މާލީ މުއާމަލާތްތަކުގެ އަސްލު އޮޅުވާލުމާއި އީރާނާއި އުތުރު ކޮރެއާ ފަދަ އެމެރިކާއިން ދަތިކުރަން ފިޔަވަޅު އަޅާފައި ހުރި ގައުމުތަކާއެކު ވިޔަފާރި ކުރުމަކީ ވެސް މެންގް ވަންޒޫގެ މައްޗަށްކުރެވޭ ތުޙުމަތުތަކެވެ.

ކެނެޑާއިން މޮންގް ވަންޒޮއު ހައްޔަރު ކުރުމުގެ ސަބަބުން ޗައިނާއާ ކެނެޑާގެ ގުޅުން ވަނީ ވަރަށްބޮޑަށް ހީނަރުވެފައެވެ. މީގެއިތުރުން މި މައްސަލައާއިގުޅިގެން ބަދަލުހިފުމުގެ ގޮތުން ޗައިނާއިން ވަނީ ކެނެޑާގެ ދެމީހަކު ހައްޔަރުކޮށް ޖަލަށްލާފައެވެ. އޭގެ ތެރެއިން އެކަކަށް 11 އަހަރުގެ ޖަލު ހުކުމެއް ވެސް ވަނީ އިއްވާފަ އެވެ.

ކެނެޑާއިން މެންގް ވަންޒޫ ދޫކޮށްލުމާއި ގުޅިގެން ހައްޔަރުކޮށްފައިވާ މި ދެމީހުން ވެސް މިހާރު ވަނީ ދޫކޮށްލާފައެވެ. މެންގް ވަންޒޫއަށް ޚާއްސަކޮށް ޗައިނާއިން ފޮނުވި ފްލައިޓެއްގައި އޭނާ މިހާރު ވަނީ އަމިއްލަ ގައުމަށް ގޮސްފައެވެ.