މުނިފޫހިފިލުވުން

އަޖޭގެ "ދްރިޝްޔަމް 2" ގެ މަސައްކަތް ޑިސެމްބަރަށް


2013 ވަނަ އަހަރު ދެއްކި މަލަޔާލަމް ފިލްމު "ދްރިޝްޔަމް" އަކީ މަލަޔާލަމް ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ކާމިޔާބު ފިލްމެކެވެ. ފިލްމަށް ލިބުނު ބޮޑު ތަރުޙީބާއިއެކު ފިލްމުގެ ރީމޭކެއް ހިންދީ ބަހުންވެސް އުފައްދާ ވަނީ ނެރިފައެވެ. އަޖޭ ދޭވްގަން ޅީޑުން ފެނިގެންދިޔަ ހިންދީ ރީމޭކަށްވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

"ދްރިޝްޔަމް"ގެ މަލަޔާލަމް ވާޝަނަށް ލިބުނު ބޮޑު ކާމިޔާބީއާއި އެކު އެ ފިލްމުގެ ސީކުއެލެއް އުފައްދާ މަލަޔާލަމް ބަހުން މި އަހަރު ކުރީކޮޅުވަނީ ނެރެފައެވެ. މި އަހަރުގެ ފެބްރުއަރީ މަހު އެމެޒޯން ޕްރައިމް އިން ރިލީޒްކުރި މި ފިލްމަށްވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އެއާއި އެކު މި ސީކުއެލްގެވެސް ހިންދީ ރީމެކެއް ތައްޔާރުކުރުމުގެ މަސައްކަތް މިވަނީ ފަށާފައެވެ. މި ފިލްމުގައިވެސް ލީޑް ރޯލުން ފެންނާނީ ހަމަ އަޖޭ އެވެ.

އަޖޭ މިހާރު މަސައްކަތް ކުރަމުން އަންނަ "މޭ ޑޭ" ، "މައިދާން" ، "ތޭންކް ގޯޑް" އަދި ޑިޒްނީ ޕްލަސް ހޮޓް ސްޓާއިން ދައްކަން ހަމަޖެހިފައިވާ އަޖޭގެ ވެބް ސީރީޒް "ރުދްރާ" ގެ މަސައްކަތަށްފަހު ދެން އެންމެ އަވަހަށް ފަށާނީ "ދްރިޝްޔަމް" ހިންދީ ރީމޭކްގެ ދެވަނަބައިގެ މަސައްކަތެވެ.

އަންނަ ޑިސެމްބަރުމަހު ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާ މި ސީކުއަލްގައި އަޖޭގެ އިތުރުން ފުރަތަމަ ބައިން ފެނިގެންދިޔަ ތައްބޫ، ޝްރިޔާ ސަރަން އަދި އިޝީތާ ދައްތާވެސް ފެނިގެންދާނެއެވެ. ސީކުއަލްގެ ފުރަތަމަ ޕާޓް ނިޝީކާންތް ކަމަތް ޑައިރެކްޓްކޮށްފައިވާއިރު ދެވަނަ ޕާޓް ޑައިރެކްޓް ކުރާނީ އަބީޝެކް ޕަތާކް އެވެ.